19 May 2016, 21:51
ހދ. ވައިކަރަދޫ ގޮނޑުދޮށުން އާދަޔާ ޚިލާފު ބިސްތަކެއް ފެނިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު މިރޭ "ސަން" އަށް ވިދާޅުވީ، އާދަޔާ ހިލާފު ބިސްތަކެއް ފެނިފައި ވަނީ މިއަދު ހަވީރު އެރަށު ގޮނޑުދޮށަށް ގޮސް އުޅުނު ކުޑަ ދެ ކުދިންނަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އެއީ ލައްގާފައި ހުރި އެއްޗެހިތަކެއް ކަމަށް ނުބެލެވޭ ކަމަށާއި، ބިސްތައް ފެނިފައި ވަނީ ދެ ފަސް ބެދޭ ހިސާބުން އެއް ފޫޓު އަޑިން ކަމަށެވެ.
"ފޫޓެއް ވަރު އަޑީގައި ހުރީ ބިސްތައް،" އޭނާ ވިދާޅުވި އެވެ.
އެއީ މޫދުންއެރި އެއްޗެއް އަޅާފައިވާ ބިސްތަކެއް ކަމަށް ލަފާކުރެވޭ އިރު ގޮނޑުދޮށުން އެފަދަ ފިޔަވަޅުތަކެއް ފެނިފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެ އެވެ.
އެރަށު ގޮނޑުދޮށުން ހަތް ބިސް ފެނިފައިވާ އިރު، އޭގެ ތެރެއިން ހަތަރު ބިސް ތަޅައިގެން ގޮސްފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
ބަށި ނުވަތަ ބަޓާނާގެ ބައްޓަމަށް ތިން އިންޗި ވަރު ދިގުކޮށް ހުރި އެ ބިސްތަކުގެ ތޮށިގަނޑު ވަރަށް މަޑު ކަމަށާއި، އެއް ބިސް ފަޅައިގެން ބެލި އިރު އޭގެ އެތެރޭގައި ހަތަރު ގޮބޮޅި އޮތް ކަމަށް މުހައްމަދު ވިދާޅުވި އެވެ.
ކައުންސިލުން ވަނީ އެ މައުލޫމާތު މިހާރު ކަމާބެހޭ އިދާރާތަކާއި ހިއްސާކޮށްފަ އެވެ.