19 May 2016, 22:00
ކ. މާފުށި ޖަލަށް އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މޮބައިލް ފޯނާއި އެހެނިހެން ބައެއް ތަކެތި އަތުލައިގަނެ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ ޖަލަށް ވެއްދުމަށް މަސައްކަތްކުރި ތަކެތި އަތުލައިގެންފައި ވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެއިން މާފުށްޓަށް ބަންދު މީހުން އުފުލާ ފެރީއަށް އަރުވާފައި ހުއްޓާ ކަމަށެވެ.
މިއަދު ފުލުހުން އަތުލައިގަތް ތަކެތީގެ ތެރޭގައި 44 މޮބައިލް ފޯނާއި، 36 ޗާޖަރާއި، 26 ސިމްކާޑާއި، ހަ ހެޑް ސެޓާއި ހަތަރު ކާޑުރީޑަރާއި ޔޫއެސްބީ ކޭބަލެއްގެ އިތުރުން ހަތަރު އަތަރު ފުޅި ހިމެނެ އެވެ. އޭގެ ތެރޭގައި ހަތަރު ސްމާޓް ފޯނުވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

އެ ތަކެތި ބަންދުކޮށްފައި ހުރީ ލަކުޑި ޕެލެޓްތަކެއްގެ ތެރޭގައި ލަކުޑިގަނޑު ކަނޑައިގެން އެލަކުޑިގަނޑުގައި ބަންދުކޮށްގެން ގެންދާ ގޮތަށެވެ.
އެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.