20 May 2016, 11:28
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން ޓޫރިސްޓް ރިސޯޓެއް ހިންގަމުން އަންނަ އދ. ކުޑަރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްނަމަ އެކަން އެންގުމަށް ޓުއަރިޒަމް މިނިސްޓްރީން އެދިއްޖެ އެވެ.
ޔޮޓް ޓުއާސްއިން ކުޑަރަށް، 1988 ވަނަ އަހަރުން ފެށިގެން ކުއްޔަށް ހިފާފައިވާ އިރު، އެތަނުގައި "ޖޭ ރިސޯޓް ކުޑަ ރަށް"ގެ ނަމުގައި ރިސޯޓެއް ހިންގަމުން ދެ އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޓުއަރިސްޓް ރިސޯޓެއް ހިންގުމަށް މިނިސްޓްރީން ކުއްޔަށް ދޫކުރި އދ. ކުޑަރަށް، ލީސް އެގްރިމެންޓްގެ ދަށުން ކުއްޔަށް ދޫކުރި ފަރާތަށް ލިބިފައިވާ އެންމެހާ ހައްގެއް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދިފައިވާ ކަމަށެވެ.
އެހެންކަމުން، ކުޑަރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް ވާނަމަ އެކަން، 15 ދުވަސް ތެރޭގައި ޓުއަރިޒަމް މިނިސްޓްރީއަށް ލިޔުމަކުން އެންގުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ.
ޔޮޓް ޓުއާސްގެ ޗެއާމަން ޖާބިރު މިދިޔަ އަހަރު ވަނީ، ކުޑަރަށް ވިއްކާލާނެކަން ހާމަ ކުރައްވައިފަ އެވެ. ޖާބިރު އޭރު ވިދާޅުވެފައި ވަނީ، ކުޑަރަށް ވިއްކާލާނެ ކަމަށާއި ގދ. އަތޮޅުގެ ވަޓަވައްރެހާގައި ރިސޯޓެއް ތަރައްގީކޮށް، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވާނެ ކަމަށެވެ.
ވިސްނުން ހުރީ ރިސޯޓު ތަރައްގީ ކުރުމަށްފަހު ހިންގުމަށް އެހެން ފަރާތްތަކަކާ ހަވާލު ކުރުން ކަމަށާއި "ދެން ރިސޯޓެއް ނުހިންގާނެ" ކަމަށް ޖާބިރު ވިދާޅުވެފައި ވެއެވެ.
އދ. ކުޑަރަށުގެ މައްސަލަތަކެއް މީގެ ދެ އަހަރު ކުރިން ކޯޓުގައި ހިނގި އެވެ. އެގޮތުން، ޔޮޓް ޓުއާސްއިން އެ ރަށުގެ ކުލި ގަވާއިދުން ދައްކަމުން ނުދިއުމުގެ ސަބަބުން، ޓުއަރިޒަމް މިނިސްޓްރީން އެ ރަށުގެ ލީސް އެގްރީމެންޓް ބާތިލު ކުރި އެވެ. އަދި ޓުއަރިޒަމް މިނިސްޓްރީން ވަނީ ކުޑަރަށާއި، ޔޮޓް ޓުއާސްއިން ހިންގާ އަލިދޫ ރިސޯޓު ވެސް އަތުލުމަށް އެ ރަށްތަކަށް އެރުމަށް މަސައްކަތް ކޮށްފަ އެވެ.