އިއުލާނާއި ވަޒީފާގެ ފުރުސަތު ތަކާއި އެނައުންސްމެންޓާއި ބިޑް އަދި ތައުލީމީ ފުރުސަތުތައް ފަދަ މުހިންމު މައުލޫމާތުތައް ޝާއިއުކުރުމަށް ޚާއްސަކޮށްގެން ސަން މީޑިއާ އިން "ސަން ލިސްޓް" މިރޭ ތަޢާރަފުކޮށްފި އެވެ.

ސަން ގެ އިން ހައުސް ޓީމުން ޑިޒައިންކޮށް ޑިވެލޮޕްކޮށްފައިވާ "ސަން ލިސްޓް" ގެ ބައިތައް އަތުރާލައިފައި ވަނީ އެ ސައިޓަށް ވަންނަ މީހުންނަށް ފަސޭހައިން އެކި ބައިތަކަށް ޒިޔާރަތްކޮށް މައުލޫމާތުތައް ހޯދައިގަނެވޭނޭ ގޮތަށެވެ.

"ސަން ލިސްޓް" ގައި އެންމެ ބޮޑު އިސްކަމެއް ވަޒީފާގެ ފުރުސަތު ތަކަށް ދޭން ސަން މީޑިއާ އިން ނިންމާފައިވާ އިރު، މި ސައިޓް މެދުވެރިކޮށް އިއުލާނު ކުރެވޭ ވަޒީފާގެ ފުރުސަތުތައް އެކި ދާއިރާތައް ވަކީން ބަލައިލުމުގެ އިތުރުން ވަޒީފާ ބޭނުންވާ ފަރާތްތަކުން އެ މީހަކު ބޭނުންވާ ދާއިރާއެއްގެ ވަޒީފާގެ ފުރުސަތުތައް ސާޗް ވެސް ކޮށްލެވޭނެ އެވެ.

ވަޒީފާ ހޯދަން ބޭނުންވާ ފަރާތާއި ވަޒީފާ ދޭ ފަރާތާ ގުޅުވައިދޭ ޚާއްސަ ބައެއް ވެސް "އެމްޕްލޯޔަރ ޒޯން" ގެ ނަމުގައި މި ސައިޓް ގައި ވަނީ ހިމަނައިފަ އެވެ. މި ބައިގައި ޕާޓްނާސްގެ ގޮތުގައި ރަޖިސްޓަރީ ވުމުން މި ވެބްސައިޓް މެދުވެރިކޮށް ވަޒީފާ ހޯދަން އެދިފައިވާ ފަރާތްތަކުގެ "ސީވީ ބޭންކް" އަށް އެކްސެސް ލިބޭނެ އެވެ. އެ ގޮތުން ސީވީ ބޭންކުގައި އެ ކުންފުންޏަކުން ބޭނުންވާ ކެޓަގަރީ އަކުން މީހުން ނަން ނޯޓު ކޮށްފައި ތިބި ނަމަ އެ ބަޔަކާ ސީދާ ކޮންޓެކްޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

ޕާޓްނަރުންގެ ގޮތުގައި ރަޖިސްޓްރީ ނުވެ ހަމަ އެކަނި ކުންފުނި ނުވަތަ ފަރުދެއް ވިޔަސް އެ ފަރާތެއްްގެ ނަން ރަޖިސްޓްރީ ކޮށްގެން ވަކި ވަކި އިއުލާނުތައް ވެސް މި ސައިޓް މެދުވެރިކޮށް ޝާއިއު ކުރެވޭނެ އެވެ. މި ސައިޓްގައި ޝާއިއު ކުރެވޭ އިއުލާނުތައް ފަސޭހަކަމާ އެކު ސޯޝަލް މީޑިއާ ގައި ޝެއަރ ވެސް ކުރެވޭނެ އެވެ. އަދި ސަން ގެ ފަރާތުން މި ޕޯސްޓް ތައްސަން ލިސްޓުގެ ޚާއްސަ ފޭސް ބުކް ޕޭޖުގައި އަދިޓްވިޓާގައި ވެސް ޝެއާ ކުރަމުން ގެންދާނެ އެވެ.

"ސަން ލިސްޓް" ގައި ކުންފުނި ތަކުން ޕާޓްނާސްގެ ގޮތުގައި ބައިވެރިވެވޭނެ ތަފާތު ތިން ކެޓަގަރީއެއް ވަނީ ހަމަޖައްސައިފަ އެވެ. އެއީ ޕްލެޓިނަމް، ގޯލްޑް އަދި ސިލްވަރ އެވެ. މީގެން ކޮންމެ ކެޓަގަރީ އަކުން ވެސް ޕާޓްނަރުންނަށް އެކި ކަހަލަ އިނާޔަތްތައް ލިބޭނެ އެވެ. މީގެ ތެރެއިން ޕްލެޓިނަމް ޕާޓްނަރުންގެ ވިޔަފާރީގެ ބްރޭންޑް ލޯގޯ މި ވެބްސައިޓުގެ ހޯމް ޕޭޖުން ދައްކައިދޭން ވަނީ ހަމަޖައްސައިފަ އެވެ.

ސަން މީޑިއާ ގުރޫޕުން އަލަށް މި ތަޢާރަފު ކުރި "ސަން ލިސްޓް" އާ ގުޅޭ ގޮތުން ސަން މީޑިއާ ގުރޫޕުގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިންގް މިންހާ ފާއިޒް ރަޝާދު ވިދާޅުވީ މިއީ އިއުލާނާއި އެނައުންސްމެންޓް އަދި ވަޒީފާގެ ފުރުސަތުތައް ފަދަ މުހިންމު މައުލޫމާތުތައް އާންމު ކުރުމަށް ލިބިގެންދާނޭ މުހިންމު ފުރުސަތެއް ކަމަށެވެ. ސަން މީޑިއާ ގެ ސަން އޮންލައިން އަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު އޮންލައިން ނޫހަށް ވުމާ އެކު ސަން އާއިލާ އަށް އިތުރުވެގެން މި އަންނަ "ސަން ލިސްޓް" ގައި މައުލޫމާތުތައް ޝާއިއު ކުރުމުން އެ މައުލޫމާތުތައް ގިނަބަޔަކަށް ފެނި އޭގެން ލިބޭ ނަތީޖާ ފޮނިވާނޭ ކަމަށް މިންހާ ވިދާޅުވި އެވެ.

"އިއުލާނާއި އެނައުންސްމެންޓް އަދި ވަޒީފާގެ ފުރުސަތުތައް ފަދަ މުހިންމު މައުލޫމާތުތައް ވެސް އޮންލައިންކޮށް ގެނެސްދޭން ޖެހޭ ޒަމާން މިވަނީ އައިސްފަ. އަޅުގަނޑުމެން އެންމެން މިހާރު މި އުޅެނީ ޑިޖިޓަލް މީޑިއާގެ ތެރޭގައި. އެހެން ކަމުން މި ފަދަ ފުރުސަތުތައް ވެސް ޒަމާނާ އެއްގޮތަށް ބަދަލުވެ، ވަރުގަދަ ޕްލެޓްފޯމެއްގެ ތެރެއިން ގެނެސްދެވެން އެބަ ޖެހޭ. އަޅުގަނޑުމެން ދެކޭ ގޮތުގައި ސަން އިން މި ތައާރަފު ކުރީ މި ފަދަ ކަންކަމުގެ ދާއިމީ ހައްލެއް." މިންހާ ވިދާޅުވި އެވެ.

ސަން މީޑިއާ ގްރޫޕުގެ ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު މުސްތަފާ ރަޝީދު ވިދާޅުވީ "ސަން ލިސްޓް" ފަރުމާ ކޮށްފައި ވާނީ ޒަމާނީ ބަދަލު ތަކަށް ޖާގަ ދިނުމާ އެކު ސައިޓަށް ވަންނަ ފަރާތްތަކުން ބޭނުންވާ މަގުސަދުތައް ފަސޭހައިން ހާސިލުވާނޭ ގޮތަށް ވިސްނުން ބަހައްޓައިގެން ކަމަށެވެ.

މި ސައިޓް ޑިވެލޮޕް ކޮށްފައި ވަނީ ސަންގެ އިންހައުސް ޑިވެލޮޕަރުން ކަމަށްވާ މުހައްމަދު ފިރްދައުސް ބާގިރު އާއި އަބްދުއްﷲ އަލްޒަމް އެވެ. ޑިވެލޮޕިން ޓީމުން ބުނި ގޮތުގައި ކުރިޔަށް އޮތް ތަނުގައި ސައިޓަށް އިތުރު ބަދަލުތައް އަންނަމުން ދާނެ އެވެ.