ބަރުދަން ލުއި ކުރުމަށް ބޮލީވުޑުގެ އެކްޓްރެސް، ޒަރީން ޚާން، ބޭސް ބޭނުން ކުރި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ޒަރީން ހާން ދިން ބަޔާނެއްގައި ބުނެފައި ވަނީ އޭނާއަކީ ބޭނުންވާ ކަމެއް ހާސިލު ކުރުމަށް އެކަމުގައި އޮންނަ ފަސޭހަ މަގު ހިޔާރު ކުރުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އޭނާ އަކީ ހިތްވަރާއި އެކު މަސައްކަތް ކޮށްގެން ކަންކަން ހާސިލު ކުރާ މީހެއް ކަމަށެވެ.

"އަހަރެން ކޮންމެ ދުވަހަކުވެސް ޖިމްގައި ވަރަށް ގިނަ އިރު ވަންދެން ކަސްރަތު ކުރަން. ބަރުދަން ލުއިކުރުމަށް ޝޯޓްކަޓެއް ވާކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،" ޒަރީން ބުނެފައިވެ އެވެ.

ޒަރީން ބަރުދަން ލުއި ކުރާ ބޭސް ބޭނުންކުރާ ކަމަށް ވާހަކަތައް ދެކެވެން ފަށާފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ވީރާޕަން" ގެ "ޚައްލާސް ވީރާޕަން" ކިޔާ ލަވައިން ޒަރީން ވަރަށް ބޮޑަށް ހިކިފައި ހުއްޓައި ފެންނާތީ އެވެ.

އަދި އޭގެ ކުރިން ބަރުދަން ލުއި ކުރާ ބޭހެއް ބޭނުންކުރުމަށް، އެ ބޭސް އުފައްދާ ކުންފުނިން ޒަރީން ގާތު އެދި، އެއް ކްރޯޑު ރުޕީސް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ނަމަވެސް އޭނާ ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެ، ޓްރެއިނާ އައްބާސް އަލީ އާއެކު ޓްރެއިނިން ފަށައިފަ އެވެ. އައްބާސް އަކީ ޝާހިދު ކަޕޫރުގެ ވެސް ޓްރެއިނަރެވެ.