19 May 2016, 21:32
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހިންގުން އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ދޭ ހިދުމަތް އަވަސް ކުރުމަށް އެ ސާވިސްގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި އެވެ.
ފުލުހުންގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސްފައި ވަނީ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާ ކުރުމަށްފަހު، އެ ބޯޑުގެ ލަފާގެމަތިން ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އެވެ.
އިދާރީ ހިންގުމަށް ބަދަލު ގެނައުމުގެ މަގުސަދަކީ ފުލުހުންގެ މުއައްސަސާއިން ދެމުންދާ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކަމާއެކު ހިދުމަތް ފޯރުކޮށްދީ، ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، އަމާން މާހައުލެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދިއުމަށް މަގުފަހި ކުރުވުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ އިދާރީ އޮނިގަނޑަށް މިއަދު ގެނައި ބަދަލުތައް:
އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓްޑީޒް، ސާވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓުގެ ދަށަށް ބަދަލުކޮށް، ޕޮލިސް އެކަޑެމީ ސާވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓުގެ ދަށުން ހިނގާ ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖެއްސުން.
- ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑު ދެ ބަޔަކަށް ބަހާލައި ނޮދަން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަން އޮޕަރޭޝަންސް ކޮމާންޑް އުފެއްދުން.
- ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގާ ޑިޕާޓްމަންޓެއްގެ ގޮތުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް ހަމަޖައްސައި އިންޑަސްޓްރިއަލް ޑިޕާޓްމަންޓުގެ ނަމުގައި އާ ޑިޕާޓްމަންޓެއް އުފެއްދުން.
- އިންޓަރ ގްރޭޓެޑް ސާވިސަސް ކޮމާންޑުގެ ނަމުގައި ކޮމާންޑެއް އުފައްދަވައި އެކޮމާންޑުގެ ދަށުން ހިނގާ ޑިޕާޓްމަންޓް ތަކުގެ ގޮތުގައި ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ޑިޕާޓްމަންޓާއި ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު ހަމަޖެއްސުން.
އެ ބަދަލުތަކާއެކު، އެކިއެކި ޑައިރެކްޓްރޭޓް ތަކާއި ކޮމާންޑްތައް ހިންގަވަން ތިއްބެވި އިސް އޮފިސަރުންނަށްވެސް ވަނީ ބަދަލު ގެންނަވާފައެވެ.
އެގޮތުން ފުލުހުންގެ އިންޓަގުރޭޓަޑް ސާވިސަސް ކޮމާންޑުގެ އިސްވެރިއަކަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު، ފޮރެންސިކް ސާވިސަސް ޑައިރެކްޓަރޭޓްގެ އިސްވެރިޔަކަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ އިސްވެރިއަކަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ ހަމަޖައްސައިފަ އެވެ.
އޭގެ އިތުރުންވެސް ބައެއް އެހެން މަގާމުތަކުގެ އިސް އޮފިސަރުންނަށްވެސް ވަނީ ބަދަލުގެނެސްފަ އެވެ.