12 May 2011, 09:30
ޑީއާރުޕީގެ ލޯގޯ ނަގައިގެން އެ ލޯގޯގެ ކުރިއަށް އަކުރު ލައިގެން މަސައްކަތް ކުރުމަކީ ގާނޫނީ އުސޫލާއި ހަމައިން ނެއްޓިފައިވާ ކަމެއް ކަމަށާއި އެކަން ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ބޮޑުފެންޑާ ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން ތަސްމީން ވިދާޅުވީ ޑީއާރްޕީއަކީ އަސާސީ ގަވާއިދަކާއެކު ރަޖިސްޓްރީކޮށްފައި އޮތް ޕާޓީއެއް ކަމަށް ވާތީ އެ ޕާޓީގެ ލޯގޯ ނަގައިގެން އެހެން ބަޔަކު ބޭނުން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ޕާޓީއަކީ އަސާސީ ގަވާއިދެއް އޮންނަ ޕާޓީއެއް، ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފަ އޮތް ޕާޓީއެއް، ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމާއި ލޯގޯއަކީ ރަޖިސްޓްރީ ކޮށްފަ އޮންނަ އެއްޗެއް. އެ ބޭނުންކުރުމާއި އެޕާޓީ ހިންގާނެ ގޮތް މިއޮންނަނީ އަސާސީ ގަވާއިދުގައި ހާމަކޮށްފައި. އޭގެ އުސޫލުން ބޭރުން، ވަކި ބަޔަކަށް އޭގެ ލޯގޯ ނަގައިގެން ވެސް އޭގެ ކުރިއަށް އަކުރު ލައިގެން ވެސް ބޭނުމެއް ނުކުރެވޭނެ. އެއީ ގާނޫނުތަކާ ހިލާފު ކަމެއް. ހަމަޔާއި އުސޫލުން ބޭރު ކަމެއް،" ތަސްމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ވިޔަ ނުދެއްވާނެ ކަމަށާއި ފިޔަވަޅުވެސް އަޅުއްވާނެ ކަމަށެވެ.
"ޕާޓީއެއް ހަދާއިރު އެ ޕާޓީއެއްގައި އިސްކޮށް ހިމެނުނު ބޭފުޅަކު ހުންނެވުމަކީ އަސާސީ ގަވާއިދުގައި ދެން ހުރި ހުރިހާ ކަމެއް އެކަހެރި ކޮށްފައި އެބޭފުޅަކު ވިދާޅުވާ ގޮތަށް ކަންތައްތައް ދާނެ ކަމެއްނޫން،" ތަސްމީން ވިދާޅުވި އެވެ.
ޒެޑްފެކްޝަނަށް ފާޑު ވިދާޅުވަމުން ، ޑީއާރްޕީއާ އެކު ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދު ވިދާޅުވީ ޑީއާރުޕީ އަށް ސަރުކާރުން އަންނަ ހަމަލާތަކަށް ވުރެ ގިނަ ހަމަލާ އަންނަނީ ޒެޑް ފެކްޝަނުން ކަމަށެވެ. އަދި ކޯލިޝަން ހަދައިގެން ކުރަމުންދާ މަސައްކަތުގައި އެންމެ ގިނަ ވަގުތު ހޭދަކުރަން ޖެހެނީ އެ މައްސަލައަށް ވާހަކަ ދެއްކުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީން ބަޔަކު ވަކިވެގެން އުޅޭ މައްސަލައިގާ ފިޔަވަޅު އެޅުން ލަސްވަނީ ކީއްވެތޯ ސުވާލުކުރުމުން ތަސްމީން ވިދާޅުވީ ފާއިތުވި ހަފުތާއަކީ އެފަދަ ކަންތައްތަކަށް ވިސްނުމަށް ވުރެ ބޮޑަށް ރައްޔިތުންނާ ގުޅުން ހުރި ކަމަކަށް ވިސްނަން ޖެހުނު ހަފުތާއެއް ކަމަށެވެ.
ތަސްމީން ވިދާޅުވީ ޑީއާރުޕީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން އެ ޕާޓީގެ އަސާސީ ގަވައިދު ގަބޫލު ނުކުރާ ބަޔަކު އުޅޭ މައްސަލަ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ޑީއާރްޕީގެ ކައުންސިލުން މިހާރު އޭނާ އަށް ބާރުދެއްވާފައިވާ ކަމަށެވެ.
ތަސްމީނާއި ޑރ. ހަސަން ވެސް ވިދާޅުވީ ޒެޑްފެކްޝަނެއް މަސައްކަތް ކުރި ނަމަވެސް އަންނަ ރިޔާސީ އިންތިހާބު ޑީއާރްޕީއަށް ކާމިޔާބު ވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.