29 Apr 2010, 12:17
14:30
ލޯކަލް ކައުންސިލްތަކުގެ ބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާއި ލޯކަލް ކައުންސިލްތަކުގެ ބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި ގަރާރު ބެލުމަށްފަހު އާއްމު ކޮމިޓީން މަޖިލީހަށް ހުށަހެޅުމުން އެ ގަރާރު ފާސްކުރުމަށް ފެނިވަޑައިގަންނަވައިތޯ ވޯޓަށް އެއްސެވުމުން ދައުރުގެ މުއްދަތު އިތުރު ކުރުމަށް އެ ގަރާރު ފާސްކުރީ، ޖަލްސާގައި އެވަގުތު ތިއްބެވި 68 މެންބަރުންގެ ތެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ގާރާރަށް ބަހުސްކުރުމަށް ހުޅުވާލެއްވި ފުރުސަތުގައި މުއްދަތު އިތުރުކުރުމަށް ތާއީދުކުރައްވައި ގިނަ މެންބަރުންތަކެއް ވާހަކަ ދެއްކެވި އެވެ. އަދި ބައެއް މެންބަރުން އެ ގަރާރަށް އިސްލާހް ވެސް ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ޓެކްސް ނެގުމުގެ ބިލުތަކުގެ އިތުރުން ގޭންގްތައް މަނާކުރުމުގެ ބިލާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުމުގެ ބިލު ނިމެންދެން ދައުރު އިތުރު ކުރެއްވުމަށް ހުށަހެޅުއްވާފައިވާ އިސްލާހްތައް ހިމެނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއް ތަސްދީގުނުކުރައްވައި އަލުން މަޖިލީހަށް ފޮނުއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާތީ، އެބާރު ބޭނުންކުރައްވައިގެން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާއި ލޯކަލް ކައުންސިލްތަކުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވައިފިނަމަ ގާނޫނު އަސާސީގައިވާ ގޮތަށް އެ ދެބިލުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ދައުރު އިތުރުކުރުމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ހުށަހަޅުއްވާފައިވާ އިސްލާހް ވެސް ހިމެނެ އެވެ. ތާއީދު ލިބުނު ހަމައެކަނި އިސްލާހަކީ އެ އިސްލާހް ކަމަށް ވުމުން އެ އިސްލާހަށް ރިޔާސަތުން ވޯޓަށް އެއްސެވި ނަމަވެސް އެ އިސްލާހް ފާހެއްނުވި އެވެ.
ދައުރުގެ މުއްދަތު އިތުރުކުރަން ނުފެންނަ ކަމަށް ވާހަކަ ދެއްކެވި ހަމައެކަނި މެންބަރު، ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ބަލާއިރު މި ގޮތަށް ދައުރު އިތުރު ނުކުރެވޭނެ ކަމަށެވެ. ހަމްޒާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭއިރު އެ ދައުރެއްގެ މަސައްކަތްތަކާ ބެހޭ ތާވަލެއް އަމީން އާއްމު އިއްލާންކުރަންޖެހޭ ކަމަށް ގަވާއިދުގައި ބުނެފައިވާ ގޮތަށް މި ދައުރުގެ ތާވަލް ވެސް އަމީން އާއްމު އިއްލާން ކުރައްވާފައިވާތީ އެ އިސްލާހް ނުގެނެވޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުން ފާސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ އެންމެފަހު ދުވަހަކީ މިއަދު ކަމަށް ކުރިން އޮތް ނަމަވެސް އެދުވަސް މިހާރު ބަދަލުވެފައިވާ ކަމަށް ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއުލާންކުރެއްވި އެވެ.