އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިނގައިފާނެ އަލިފާނުގެ ހާދިސާއަކަށް އަދި މަތިންދާބޯޓުގެ އެކްސިޑެންޓަކަށް، އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ފަޔަރފައިޓަރުން ތަމްރީނު ކުރުމަށް ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ތަމްރީނުތަކާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ، އެ ތަމްރީނުތައް ކުރިއަށް ގެންދާނީ އަންނަ ހަފްތާގެ އާދީއްތަ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކަމަށެވެ.

އެ ތަމްރީނުތަކުގެ ތެރެއިން، އަންނަ ހަފްތާގައި އަލިފާން ރޯކޮށް ނިއްވުމުގެ ތަމްރީނުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި އެ ތަމްރީނު ތަކުގެ ބޭނުމަކީ އެއާޕޯޓު ސަރަހައްދުގައި ހިނގައިފާނެ އަލިފާނުގެ އަދި މަތިންދާބޯޓުގެ އެކްސިޑެންޓަކަށް އެ އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ފަޔަރަފައިޓަރުން ރެސްޕޮންޑު ކުރުމުގެ ހުނަރާއި، ތައްޔާރީ ހާލަތު ދެނެގަނެ އިތުރަށް ހަރުދަނާ ކުރުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.