މުއާސަލާތީ ކުންފުނި އުރީދޫ އާއި ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ހިންގާ ކޯޗިން ޕްރޮގްރާމް އަންނަ މަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި އަހަރުގެ ކޭމްޕު ކުރިއަށް ދާނީ އަންނަ މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ.

ޕީއެސްޖީ އާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ކޯޗިން ކޭމްޕު ބާއްވާފައި ވަނީ 2014 ވަނަ އަހަރު އެވެ.

އެ ކޭމްޕުގެ ސަބަބުން ފްރާންސްގެ އެންމެ ހުނަރުވެރި ކޯޗުންގެ ބެލުމުގެ ދަށުން، ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދީ، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ބޭނުންވާ ތަމްރީނު ހޯދައިދީ، އެކުދިންގެ ހުނަރު ތަރައްގީ ކުރެވިގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

"ފުޓުބޯޅައަށް ލޯބިކުރާ ރާއްޖޭގެ ޒުވާނުންނާއި ހަމައަށް ޕީއެސްޖީ އެކަޑެމީ އެނބުރި އަންނާތީވެ، އެފަރާތަށް ހޫނު މަރުހަބާ ކިޔަން. އުރީދޫ-ޕީއެސްޖީ ކްލިނިކްއަކީ، ޒުވާން ކުދިންނަށް މަދުން ނޫނީ ނުލިބޭފަދަ ފުރުސަތެއް ހޯދައިދީ، އެކުދިންގެ ހުނަރުތައް ތަރައްގީކޮށް، އުއްމީދުތައް އާލާކޮށްދީ، ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭނެ ހަރަކާތެއް." ކޭމްޕާ ގުޅޭގޮތުން އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހާ ވިދާޅުވި އެވެ.

ކުރީ އަހަރާ އެއްގޮތަށް، އުރީދޫ އިން ވަނީ ޕީއެސްޖީ އެކެޑެމީ އާއި ގުޅިގެން ސޯޝަލް މީޑިޔާގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ކެމްޕެއިންގައި، ޕީއެސްޖީ އެކަޑެމީގައި ބައިވެރިވުމަށް ބޭނުންވާ 16 އަހަރުން ދަށުގެ ޒުވާން ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް #OoredooPSGAcademy ހޭޝްޓެގް ބޭނުންކޮށްގެން ފޭސްބުކްގައި، މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް، ޓްވިޓަރ އަދި އިންސްޓަގްރާމްއަށް އެކުދިންގެ ފުޓްބޯޅަ ހުނަރު ދައްކުވައިދޭ ވީޑިއޯ އަޕްލޯޑު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރެއިން އެންމެ މޮޅު ހުނަރުތައް ދައްކާލަދޭ އެންމެ އުންމީދީ ތަރިން ހޮވައި، ޓްރޭނިންގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ކޯޗިންގ ކްލިނިކްގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހޮވާލެވޭ ހުނަރުވެރި ތަރިންނާއި، އުރީދޫގެ ޑިޖިޓަލް ކެމްޕޭންގެ ދަށުން ހޮވާލެވޭ އުންމީދީ ކުޅުންތެރިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫއާއި ޕީއެސްޖީ ގުޅިގެން ކުރިއަށް ގެންދާ ކޯޗިން ޕްރޮގްރާމް، މިފަހަރު ގިނަ ގައުމުތަކެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކުވައިތާއި، ގަތަރާއި، އޮމާނާއި، ޓިއުނީޝިއާ އާއި އަދި އިންޑޮނޭޝިއާގައި ވެސް ކޯޗިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޒުވާން ކުޅުންތެރިންގެ ފުޓްބޯޅަ ހުނަރުތައް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް އުރީދޫއިން ޕީއެސްޖީއާއެކު ޕާޓްނާޝިޕް ހެދީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.