19 May 2016, 19:12
ފްރާންސުގެ ޕެރިހުން މިސްރުގެ ގާހިރާއަށް ދަތުރު ކުރަމުން ދަނިކޮށް ރާޑަރަށް ގެއްލުނު އިޖިޕްޓްއެއާގެ އެމްއެސް804 ފްލައިޓު ކަނޑަށް ވެއްޓިފައިވާ ކަމަށް މިސްރުން ޔަގީންކޮށްދީފައި ވާއިރު، ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުން އޮޔާ ދާ އެއްޗެހިތަކެއް ފެނިއްޖެ އެވެ.
ފްލައިޓު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ މިސްރުގެ އަސްކަރިއްޔާ އާއި ހަވާލާދީ، ރޮއިޓާސް ނޫހުގައި ބުނެފައި ވަނީ ފްލައިޓު ރާޑަރަށް ގެއްލުނު ހިސާބާ ގާތްގަނޑަކަށް 50 މޭލު ދުރުން އޮޔާ ދާ ދެ "އެތިގަނޑު" ފެނިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ފްލައިޓެއްގެ ބައިތަކެއް ކަން ޔަގީން ނުވާކަމަށް އެ ނޫހުން ރިޕޯޓު ކުރެ އެވެ.

ގެއްލިފައިވާ އިޖިޕްޓްއެއާ ގެ ފްލައިޓު. ފްލައިޓު ކަނޑަށް ވެއްޓިފައިވާ ކަމަށް މިސްރުން ވަނީ ޔަގީންކޮށްދީފައި --- ފޮޓޯ: އޭޕީ
ރާޑަރަށް ގެއްލުނު އިރު ފްލައިޓުގައި ތިބީ 59 ފަސިންޖަރުންނާއި 10 ކުރޫއިންނެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް އިޖިޕްޓްއެއާ އިން ވަނީ ބުނެފަ އެވެ.
އެމްއެސް804 ރާޑަރުން ގެއްލުނު އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ އިރުމަތީ މެޑިޓެރޭނިއަންގެ 11،300 މީޓަރު މަތިން ކަމަށާއި ބޯޓާ ގުޅުން ކެނޑުނީ ގާހިރާގެ ގަނޑިން 02:30 ގައި ކަމަށް މިސްރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އަދި އޭރު ބޯޓު އޮތީ މިސްރުގެ ވައިގެ ސަރަހައްދުގެ 10 މޭލު އެތެރޭގައި ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.
އިޖިޕްޓްއެއާގެ ވައިސް ޗެއާމަން، އަހުމަދު އަބްދުލް ވިދާޅުވީ ބޯޓު ގެއްލުމުގެ ކުރިން ބޯޓަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް ޕައިލެޓުން އަންގާފައި ނުވާ ކަމަށެވެ. އަދި ގެއްލުނު ބޯޓުން "ޑިސްޓްރެސް ކޯލެއް" ފޮނުވާފައި ނުވާ ކަމަށާއި، ނަމަވެސް ބޯޓާ ގުޅުން ކެނޑުނުތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން "ސިގްނަލެއް" ފޮނުވާފައިވާ ކަމަށް މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.
އެ ހާދިސާ އާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިސްރުގެ އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ ބޯޓު ވެއްޓުނީ މެކޭނިކަލް މައްސަލައެއް ޖެހިގެން ނުވަތަ ޓެރަރިސްޓު ހަމަލާއަކުން ކަމަށް ވެދާނެ ކަމަށެވެ.

މިސްރުގެ އޭވިއޭޝަން މިނިސްޓަރު: ބޯޓު ވެއްޓުނީ މެކޭނިކަލް މައްސަލައަކަށް ވުރެ ބޮޑަށް ޓެރަރިސްޓު ހަމަލާއަކުން ކަަމަށް ބެލެވޭ ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ: އޭއެފްޕީ
ނަމަވެސް ބޯޓު ވެއްޓުނީ މެކޭނިކަލް މައްސަލައެއް ދިމާވުމަށް ވުރެ، ބޮޑަށް ޓެރަރިސްޓު ހަމަލާއެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މިސްރުގެ އިތުރުން ގްރީސް އިން ވެސް ދަނީ ގެއްލިފައިވާ އެއާބަސް އޭ320 މަރުކާގެ އެމްއެސް804 ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފްރާންސުގެ ޕްރޮސިކިއުޓަރުން ވަނީ ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށް އެގައުމުން ވެސް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.