އަމިއްލަ ހަށިގަނޑު ޒަޚަމްކޮށްލި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4:00 އެހައިކަންހާއިރު ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އަތަށް ޒަޚަމްތަކެއް ލިބިގެން އެ ހޮސްޕިޓަލަށް ގެނައި 24 އަހަރުގެ ފިރިހެނަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެކެވެ. ކީރިތި ޤުުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގައި، އަމިއްލަ އަތްތަކުން އަމިއްލަ ހަށިތަކާއި ފުރާނަ ހަލާކުގެ ތެރެއަށް އެއްލައިނުލުމަށް އެންމެހައި މީސްތަކުންނަށް ވަނީ އަންގަވާފައެވެ.