"ކޮން ބޭކާރު ވާހަކަތަކެއް، އެންމެވެސް ތަޅަނީ ހުސް އަނގަ، ވާކަމެއް އެއްވެސް ކަމެއް ނެތް، ބޭކާރު އަނގަ ނުތަޅާ ކަމެއް ކުރެވޭތޯ ބެލިއްޔާ މާ ރަނގަޅުވާނެ،" ކުޑަކުދިންނަށް އެކި ބާވަތުން އަނިޔާ ކުރުމާއި އިހުމާލުވުމުގެ މައްސަލަތަކުގެ ހަބަރުތަކަށް އާންމުން ކޮންފައި ހުންނަ ކޮމެންޓްތަކުގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް މި ބާވަތުގެ ކޮމެންޓް ހިމެނެ އެވެ. އެއީ ހަގީގަތުގައި ވެސް ތެދެކެވެ. އަބަދުވެސް އަނގަ ތަޅަތަޅައި ތިބެވެނީ އެވެ. ކުރެވޭ ކަމެއް ވެސް ކުރެވުނު ކަމެއް ވެސް ނެތެވެ.

މިދިޔަ އަހަރު ނިންމައިލީ ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖަކު ހުޅުމާލޭ އަތިރިމަތިން ފެނުނު ހަބަރުންނެވެ. މި އަހަރުގެ ފަސް ވަނަ މަސް ފަށައިގެން މިއުޅެނީ މާލޭ ޓްރެކް ތެރެއިން ފޫޅު ދަނޑިއާ އެއްކޮށް އޮތް ތުއްތު ކުއްޖަކު މަރުވެފައި އޮއްވާ ފެނުނު ހަބަރުންނެވެ. ދެމެދަށް ދިޔަ ދުވަސްތަކަށް ބަލާއިރު ކޮންމެ ދުވަހަކުހެން މުޅިން ވެސް ފެންމަތިވެގެން އައީ ކޮންމެވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ އާއި އަނިޔާތައް ކުރި، ހުތުރުވެގެންވާ ނުބައި އަމަލުގެ ވާހަކަ އެކެވެ. ކޮންމެވެސް މާރާމާރީއެއްގެ މައްސަލައިގެ ތުހުމަތުގައި ކުޑަ ކުއްޖަކު ހައްޔަރު ކުރާ ވާހަކަތަކެވެ. ކުޑަކުދިން ކުށަށް އަރައިގަންނަ ވާހަކަތަކެވެ.

"ކޮންމެ ދުވަހަކު މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަނީ ކޮންމެވެސް ކުޑަ ކުއްޖަކާބެހޭ އާދަޔާ ހިލާފު ހަބަރަކުން، އަޅުގަނޑަކަށް ނޭގޭ މިކަން ރިކޯޑް ކުރެވިފައި ހިސާބު ހެދިފައި ހުރީ ކިހާ ވަރަކަށް ކަމެއް. އެކަމަކު އަޅުގަނޑަށް ދަންނަވަން ކެރިދާނެ މިފަދަ ދެ ހަބަރެއް ތިން ހަބަރެއް ރިޕޯޓް ނުކުރާ ދުވަހެއް ނުދާ ކަމަށް، އެހެންވީމާ އަޅުގަނޑުމެން ތެރޭގައި އޮތް ކަމަކީ މިއީ، ދެން މިކަންކަން ނައްތާލުމަށް އަޅުގަނޑުމެން ކުރީ ކީއްހެއްޔޭ، އަޅުގަނޑު ބުނާ ހިތް އޮތީ ދެކަމެއް ކުރިއޭ، އެއްކަމަކީ ހުސް އަނގަ ތެޅުން، އަނެއް ކަމަކީ ނޫސްބަޔާން ނެރެފައި ހިނގާލަން ނުކުތުން،" ކުޑަކުދިންގެ މައްސަލަތަކާ ގުޅިގެން ބަޔާންތައް ވެސް ނެރޭ ޖަމިއްޔާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މައްސަލައިގެ އަސްލަށް ވިސްނާއިރު އެއީ ގޯސް ވާހަކައެއް ކަމަކަށް ބަލާނެ ތަނެއް ނެތެވެ. ކުޑަކުދިންގެ މައްސަލަތަކުގައި "ހުސް އަނގަ ތެޅުން" ނޫން ކަމެއް ނުކުރެވެ އެވެ. ކޮންމެ ހާދިސާއަކާއެކު ކަމާބެހޭ ފަރާތްތަކުގެ ބަޔާންތައް އާންމުވެގެން އާދެ އެވެ. ނުވަތަ ކަމާބެހޭ އިސް ފަރާތަކުން އެކަމުގައި އިހުމާލުވާ ބައެއްގެ ވާހަކަ ދައްކަން ފަށައިގަނެ އެވެ. ދެން އޮންނަނީ މައްސަލަ ނިންމާ ހިސާބެވެ. އެއީ ހައެއްކަ ފޮތިގަނޑު ހިފައިގެން ނުކުމެ ރަށް ވަށައި ހިނގައި އަޑު އުފުލާފައި ނިންމާލުމެވެ. ބޮޑުވަރެއް ކުރަންޏާ ދައްކާލަނީ ކުރެހުމުގެ މައުރަޒެކެވެ. ހަމަ ހުސް އަނގަ އެވެ.

"ދެ ވަނަ ފަހަރަށް އެކަން އެހެން ދިމާއަކުން އުފުލިގެން އަންނަ އިރުވެސް ދައްކަނީ ހަމަ އެއްވާހަކަ އެއް. ފޭރާންވީދެނީއޭ، އެނެކައްޗެކޭ، އާ ވާހަކައެއް ދައްކާ، އާ ނަޒަރަކުން ވިސްނައި ފިޔަވަޅެއް އަޅާތަނެއް، އެޅި ފިޔަވަޅަކުން ކަމެއް ވީތަނެއް ނުފެނޭ، ހަމަ ހުސް ވާހަކަ، މިވާހަކަތައް ގިނައިން ދައްކާ މީހުން ވެސް ހީވަނީ މިކަމުގެ ތެރެއިން މަޝްހޫރުވާ އުޅޭހެން،" ކުރިންވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ކުޑަކުއްޖެއްގެ ގޮތުގައި ހުރެ މީހަކު މެރުމަށްފަހު ކުށްސާބިތު ނުވެގެން އުޅެނިކޮށް ގާނޫނުގައި ބުނާ 18 އަހަރު ފުރި ބޮޑު މީހަކަށްވެ ދެ ވަނަ މީހާ މަރާލާ ހިސާބަށްދާއިރު ވެސް ގުޅުން ހުރި ތަންފީޒީ ބާރުތަކުން ބަޔާންތައް ނެރޭ މަންޒަރު ނޫން އާ މަންޒަރެއް ފެނޭ ހެއްޔެވެ؟ މިއީ ހަމަ އާންމުން ކުރާ ސުވާލެކެވެ. ނޫސްތަކުގައި ކޮންމެ ދުވަހަކު ލިޔާ މިފަދަ ހަބަރުތަކަށް އާންމުން ކޮށްފައި ހުންނަ ކޮނެމެންޓްތަކަށް އެކަނި ބަލައިލިއަސް ފުދޭނެ އެވެ.

މީގެ ދެ ދުވަހެއް ކުރިން ރިޕޯޓް ކުރި ޖިންސީ ގޯނާގެ ހަބަރަކަށް ސަންގެ ކިޔުންތެރިއަކު ކޮމެންޓެއް ކޮށްފައި ވެއެވެ: "މިހެން ކޮމެންޓްކޮށްކޮށް ވަރުބަލިވެއްޖެ އެވެ. ދުވަހަކު ބަދަލެއް ނާދެ އެވެ. މިފަދަ މައްސަލަތަކާ ބެހޭ ގޮތުން ރިސާޗް ކަރުދާހެއް ތައްޔާރު ކުރެވޭހާ މުއްސަނދި ހިޔާލުތައް ކިޔުންތެރިން ދޭއިރު ވެސް ފިޔަވަޅު އަޅަން ނޭނގެނީ ހެއްޔެވެ؟ ނޫނީ ކުރަން ބޭނުން ނުވަނީ ހެއްޔެވެ؟ ވާހަކަ ދެއްކުން ނޫން ކަމެއް ދަސްވެފައި ނެތީ ހެއްޔެވެ؟"

އާންމުން ބުނަނީ އެހެނިހެންވެސް މައްސަލަތަކެކޭ އެއް ގޮތަށް ކުޑަކުދިންގެ މައްސަލަތަކުގައި ތަޅަނީ "ހުސް އަނގަ" ކަމަށެވެ. އާންމުން ބުނަނީ އަބަދުވެސް ދައްކަނީ އިހުމާލުވާ، ޒިންމާ ނަގަންޖެހޭ ފަރާތްތަކެއް ތިބި ކަން އެނގޭ ވާހަކަ އެކަނި ކަމަށެވެ.

"މިހާރު ކުޑަކުދިންގެ މައްސަލަތަކުގައި އެންމެ ގިނައިން ފާހަގަ ކުރެވެނީ ޒިންމާ ނަގަން ޖެހޭ ބެލެނިވެރިން ޒިންމާ ނުނަގާ މައްސަލަ. މިހުންނަ ހުރިހާ ސޯޝަލް އިޝޫތަކަށް ބަލާލުމުން އެކަން އެބަ އިނގޭ،" ހެލްތު މިނިސްޓަރުގެ ނައިބު ފާތުމަތު އާފިޔާ ވިދާޅުވި އެވެ.

"ތަފާތު މައްސަލަ ތަކުގައި ކުޑަކުދިން ހައްޔަރުކުރާ އިރު ފާހަގަ ކުރެވޭ ބައެއް ފަހަރު ބެލެނިވެރިންގެ އިހުމާލުން ކުއްޖާ ކުށަށް އަރައިގަންނަ ތަން. އަދި އެކުއްޖާ ރަނގަޅު ނުވާނެ ކަމަށް ގަބޫލު ކުރެވޭ ފަހަރު ވެސް އެބައާދެ،" ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ނައިބު ވެސް އަދި ސަބް އިންސްޕެކްޓަރު ވެސް ވިދާޅުވަނީ ތެދުފުޅެއް ކަމަށް ވެދާނެ އެވެ. އާއިލާއެއްގެ އިހުމާލުވުމެއްގެ ސަބަބުން އެ ވިދާޅުވާ ހާލަތު އާދެ އެވެ. އެކަމަކު އަބަދު އިހުމާލުގެ ވާހަކަ ދައްކަ، ދައްކާ ވާން މިހާރު އެބައޮތް ހެއްޔެވެ؟

"މީހުން، ކުދިން ހޭލުންތެރި ކުރުވާކަށް އެއްވެސް ކަމެއް ނުކުރޭ، މީހުންނަށް ލިބުނު ހޭލުންތެރި ކަމެއް ގެނެސްދީގެން އުޅެނީ ތި ބަޔާންތަކާ ވޯކްޝޮޕްތަކާއި ފޮތިގަނޑުތަކަކުން ނޫން. އައި ހޭލުންތެރި ކަމެއް އައިސްފައި ވަނީ ޓެކްނޮލޮޖީގެ ތެރެއިން. ފޯނުން، އިންޓަނެޓުން، އަޅުގަނޑުމެނަކަށް ބަލި ހޯދާކަށް ނޫޅެވޭ. އަޅުގަނޑުމެނަށް ދެކެވެނީ ބަލިވީ ވާހަކަ. އެކަމަކު ވީ ބަލި ރަނގަޅު ކުރެވޭނީ ވީކޮން ބައެއްޔެއްތޯ ބަލައި ބޭސް ދެވިގެން،"

ހުރިހާ ދިމާއަކުން ވެސް އިހުމާލުގެ ވާހަކަ އެކެވެ. ބަޔާން ނެރުމެވެ. އެބުނާ އިހުމާލުގެ ފާރުގަނޑު ބޮޑުވެ ބޭހަށް ނުގުޑާ ހިސާބަށް ދާއިރުވެސް އެ ވާހަކަތެކެވެ. އެ ވާހަކަތައް އެއީ ހަމަ ހުސް އަނގަ އެވެ. ވާކަމެއް ވެސް، ވީ ކަމެއްވެސް ހަރާމެވެ. ކޮމެންޓްތަކުގައި ބުނާހެން "މުނާސަބަތެއް އަންނަ އިރަށް، މީހަކު ކުޑަކުއްޖަކާ ބެހޭއިރަށް ބޭކާރު ވަހަކަތައް ނުއްދާ ތިބޭށެވެ، ކޮންމެވެސް ކަމެއް ކުރިއްޔާ މާ ތާހިރުވާނެ" އެވެ.