ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި ދިރާގުން ބައިވެރިވެއްޖެ އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި، ދިރާގުން މުވައްޒަފުންގެ ސްކީމުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓާ އިސްމާއިލް ރަޝީދާއި ދިރާގުގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް އަހްމަދު މުހައްމަދު ދީދީ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ޔާމިން އިދްރީސްއާއި ހެޑް އޮފް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ހަސަން ސިނާން އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ކޮންމެ މުވައްޒަފެއްވެސް ވަޒީފާ އަދާކުރާ އިރު ހައްޖުގެ އަޅުކަން އަދާކުރަން ދިއުމަކީ ބޮޑު އަމާޒެއް ކަމަށާއި، ހައްޖަށް ދިއުމަށް މުވައްޒަފުން ވަރަށް ބޮޑު ހޭދަތަކެއް ކުރާ ކަމަށެވެ. ނަމަވެސް މީގެ ކުރިން މުވައްޒަފުން ބައިވެރިވެފައިވާ ބައެއް ފަންޑުތައް ބެލެހެއްޓި ފަރާތްތަކުން ޒިންމާދާރު ނުވުމުގެ ސަބަބުން ގެއްލުންތަކެއް މުވައްޒަފުންނަށް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމައިލް ރަޝީދު އަދި އެޗްއާރު ޑިރެކްޓާ އަހްމަދު މުހައްމަދު ދީދީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

"ވަރަށް ގިނަ ހޭދަތަކެއް ގިނަ ބަޔަކު ކުރަމުންދާ އިރު ނުރަނގަޅު ނަތީޖާތަކެއް ވެސް އިންވެސްޓްމެންޓް ފަންޑު ބަލަހައްޓާ މީހުން ޒިންމާދާރު ނުވުމުގެ ސަބަބުން ވަނީ ދިމާވެފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިފަދަ މައްސަލަތައް ދިމާވުން ނައްތާލައި، ރަނގަޅު ސޭވިންގްސް ސްކީމުތަކެއް ހައްޖު ކޯޕަރޭޝަނުން ތައާރަފު ކޮށްފައިވާ އިރު، ދިރާގުގެ މުވައްޒަފުން އެ ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި، ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ޔާމިން އިދުރީސް ވިދާޅުވީ، ސަރުކާރުގެ ގިނަ އިދާރާތަކަކުން އެ ސްކީމުގައި ބައިވެރިވަމުން ދާ ކަމަށާއ، އެ ކޯޕަރޭޝަނުގެ އަމާޒަކީ މި އަހަރު ނިމޭ އިރު ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތުން ބޮޑު ބަޔަކަށް އެ ސްކީމުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނެޖިންގ ޑިރެކްޓަރު ޔާމިން އިދުރީސް -- ސަން ފޮޓޯ/ފަޔާޒް މޫސާ

ދިރާގުން ކޮންމެ އަހަރަކު ވެސް، އެކުންފުނީގެ ޚަރަދުގައި ކޮންމެވެސް ދެ މުވައްޒަފަކު ހައްޖަށް ފޮނުވަމުން ދެ އެވެ. ހައްޖު ކޯޕަރޭޝަނުގެ ސްކީމުގައި ބައިވެރިވެފައިވާ މުވައްޒަފަކަށް ދިރާގުގެ ސްޕޮންސާގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިއްޖެ ނަމަ، ސްކީމަށް ދީފައިވާ ފައިސާ، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރިފަންޑުގެ ގޮތުގައި ލިބުމުގެ އިންތިޒާމު ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ އެވެ. ނުވަތަ، އެ ފައިސާއިން އެހެން ހައްޖެއް ނުވަތަ އުމްރާ ވުމަށް ބޭނުން ކުރެވޭނެ އެވެ.

ދިރާގަކީ، ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމު"ގައި ބައިވެރިވި 14 ވަނަ ތަނެވެ.