19 May 2016, 15:22
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބެމުންދާ ފަރާތްތަކަށް ސަރުކާރުން މާލީ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު "ސަން" އަށް މިއަދު ވިދާޅުވީ، ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މާލީ އެހީތެރިކަން ވެދެއްވާނެ ކަމަށެވެ. އަދި މާލީ އެހީތެރިކަން ދެއްވާނީ ގެތަކަށް ލިބުނު ގެއްލުން ބެލުމަށް ޑިޒާސްޓާ އިން ހަދާ އެސެސްމެންޓަށް ބެލުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެސެސްމަންޓް ހެދުމަށްފަހު ގާތްގަނޑަކަށް ތިން ހަތަރު ދުވަހުގެ ތެރޭގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދެއްވާނެ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ވޭމަންޑޫގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަންނަމުން ދާތީ ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ ---
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިހާރު ދަނީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ތ. ތިމަރަފުއްޓަށް އެ ސެންޓަރުގެ ޓީމެއް ފޮނުވާ އެސެސްމެންޓްތައް ހަދަމުންނެވެ. މީގެ އިތުރުން އެ ސެންޓަރުގެ ބެލުމުގެ ދަށުން އިތުރު ރަށްރަށުގައި އެސެސްމަންޓްތައް ހަދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން އެ ސެންޓަރުން ކަނޑައަޅާ ބަޔަކާއެކު ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ވައިގަދަވެ، ކަނޑުގަދަވުމާ ގުޅިގެން ބައެއް ރަށްރަށަށް ކަނޑުމަގުންނާއި އެއްމަގު މަގުން ބައެއް އާލާތްތައް ފޮނުވުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ރަށްތަކަށް ބޭނުންވާ ސާމާނު މިހާރު އެރަށްރަށަށް ފޮނުވާފައިވާއިރު، ބައެއް ރަށްރަށަށް ބޭނުންވާ ޕަމްޕު ފަދަ އާލާތްތައް ސަރުކާރުގެ ހަރަދުގައި ގަތުމަށްފަހު ފޮނުވާފައިވާ ކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެ އެވެ.
ތ. އޮމަދޫ މަގެއްގައި ފެން ބޮޑުވެފައިވާތީ، މީހަކު ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ: ސަން ފޮޓޯ/ ކިޔުންތެރިއެއް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ 15 ރަށެއްގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިގެން ރިޕޯޓްކޮށްފައިވާއިރު، 42 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.
ވިއްސާރާގައި ފެންބޮޑުވެ، ގެއްލުންވެގެން ރިޕޯޓު ކުރި ރަށްތައް:
ތ. ތިމަރަފުށި، ތ. ހިރިލަންދޫ، ތ. ވޭމަންޑޫ، ތ. ކިނބިދޫ، މ. މުލި، ގއ. ވިލިނގިލި، އއ. އުކުޅަސް، ލ. ކުނަހަންދު، ލ. ފުނަދޫ، ލ. ގަން، ސ. ފޭދޫ، ސ. ހިތަދޫ، ދ. މީދޫ، ދ. ކުޑަހުވަދޫ، އއ. ބޮޑުފުޅަދޫ
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ މީޑިއާ އޮފިސަރު ހިސާން ހަސަން ވިދާޅުވީ، އިއްޔެގެ ނިޔަލަށް ޖުމްލަ 12 ރަށެއްގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިއަދުގެ މިހާތަނަށް އިތުރު ތިން ރަށަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ގެއްލުންތަކެއް ލިބިގެން ރިޕޯޓްކޮށްފައި ވަނީ ދ. އަތޮޅުގެ ދެ ރަށް ކަމަށްވާ މީދޫ އަދި ކުޑަހުވަދޫގެ އިތުރުން އއ. ބޮޑުފުޅަދޫ ކަމަށް ޑިޒާސްޓާ ސެންޓަރުން ބުނެއެވެ.
ހިސާން ވިދާޅުވީ، އެ ސެންޓަރުން އެންމެ ބޮޑު އިސްކަމެއް ދީގެން ހަރަކާތްތެރިވަމުން އަންނަ ތ. ތިމަރަފުށީގެ 15 އާއިލާއަކުން 42 މީހަކު ހާލުގައި ޖެހި، ރަށުގެ އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ ރަށު ކައުންސިލް އިދާރާ އިން ހާލުގައި ޖެހުނު ތިން އާއިލާއަކަށް ހުރުން ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު އެހެން ރަށްތަކުން ހާލުގައި ޖެހުނު މީހުންގެ ރިޕޯޓް އަދި އެ ސެންޓަރާ ހިއްސާކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.