ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެލްތު މިނިސްޓްރީން ހާއްސަ އޮޕަރޭޝަންއެއް ފެށުމަށް ނިންމާފައިވާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކާބޯތަކެތި ވިއްކާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަންއެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އެއޮޕަރޭޝަންގެ ތެރެއިން ކާބޯތަކެތި ރަނގަޅަށް ގެންގުޅެންވި ގޮތް ބުނެދީ އިސްލާހު ކުރަންވީ ކަންކަން ބުނެދެވޭނެ ކަމަށާއި އެވަރުން އެކަންކަން އިސްލާހު ނުކުރާ ފަރާތްތަކާއިމެދު ފިޔަވަޅުއަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ކިލާފެނުން ތަރުކާރީ ދޮންނަ މައްސަލައެއް މިއަދު ފެންމަތިވެފައިވާއިރު މަސްމާރުކޭޓުގެ މަސްކަނޑާ ސަރަހައްދުގައި ފެންވަރާ ދަތް އުނގުޅާ މައްސަލަ އާއި ވަޅޯމަސް މާރުކޭޓުގައި ބުޅާއުޅޭ ފަދަ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. ސަންއިން ވާނީ އެކަންކަން ސަމާލުކަމަށް ގެނެސްފައެވެ. އެކަންކަން ވެސް ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.