ކެންޝާސާ : އެފްރިކާގެ ޤައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ކުރީގެ ޒަޔަރު) ގައި އެވްރެޖްކޮށް ދުވާލަކު 1100 އަންހެނުންނާއި ޅައަންހެންކުދިން ރޭޕްކުރަމުން ގެންދާކަން ކަމާބެހޭ ސާވޭއަކުން ހާމަވެއްޖެވެ.

"އެމެރިކަން ޕަބްލިކްހެލްތް" މަޖައްލާގައި ޝާޢިޢުކޮށްފައިވާ އެސަރވޭން ހާމަވާގޮތުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އަންހެނުންނަށާއި އަންހެންކުދިންނާ ދެކޮޅަށް ހިންގާ ޖިންސީ ޖަރީމަތަކާއި އަނިޔާތައް ހީކުރެވިފައިވާ ވަރަށްވުރެ 26 ގުނަ އިތުރެވެ.

އެ ސަރވޭ ބުނާގޮތުން 2006 ވަނަ އަހަރާއި 2007 ވަނަ އަހަރު، ޢުމުރުން 49 އަހަރާއި 15 އަހަރުގެ ހަތަރު ލައްކަ އަންހެނުން ވަރަށް އަނިޔާވެރިގޮތަކަށްވަނީ ރޭޕްކޮށްލާފައެވެ. މިމުއްދަތުގެ ތެރޭގައި އެޤައުމުގައި ރޭޕްކުރެވިފައިވާ ކަމަށް ކުރިން ލަފާކުރެވިފައިވަނީ 15 ހާސް އަންހެނުންނެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަކީ ލޭއޮހޮރުވުންބޮޑު އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާތާ 15 ވަރަކަށް އަހަރުވެފައިވާ ޤައުމެކެވެ. ފަރަންސޭސިވިލާތަށްވުރެ ޤުދަރަތީގޮތުން މުއްސަދި އަދި ތަބީޢީ ވަސީލަތްތައް ގިނަ މިޤައުމުވަނީ ދާޚިލީ ހަނގުރާމައާއި ތަޅާފޮޅުމުގައި މުޅިން ވީރާނާވެ ރައްޔިތުން ބިކަ ޙާލުގައި ޖެހިފައެވެ.

ކޮންގޯގައި ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ޖިންސީ ޝިކާރައަކަށްވާ މީހުންގެ ތެރޭގައި ޅަ ފިރިހެން ކުދިންވެސް ހިމެނެއެވެ. މިސަރވޭ ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި އެެމެރިކާގެ ރައްޔިތެއް ކަމަށްވާ އެންބަރ ބިޓަރމެން ވިދާޅުވިގޮތުގައި މިހާރުވެސް އެވްރެޖްކޮށް ހަނގުރާމަވެރިންގެ އަތްދަށުން ދުވާލަކު އެއްހާހަށްވުރެ ގިނަ އަންހެނުން ރޭޕްކުރެވެމުންދާކަން ހާމަވެއެވެ. ރޭޕްކުރެވޭ ގިނަ އަންހެނުން ލަދުވެތި ކަމަށްޓަކައާއި ބަދަލު ހިފައި މަރާލާނެކަމުގެ ބިރަށް މިޖަރީމާ ފޮރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންހެނުންނާ ދެކޮޅަށް ކޮންގޯގައި ހިނގަމުންދާ ރޭޕްކުރުމުގެ ޖަރީމާތަކަކީ މިފަހަކަށް އައިސް ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ އެއްމައްސަލަ ކަމަށް އދ. ން ސިފަކުރެއެވެ. ނަމަވެސް އދ. މަަޖިލީހާއި ބައިނަލްއަޤްވާމީ މުޖްތަމަޢުވަނީ މިޖަރީމާތައް ހުއްޓުވުމަށް ނުކުޅެދިފައެވެ. -- ބީބީސީ/ ޖަވާދު