19 May 2016, 14:06
ކުރިޔަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ބޭންކް އޮފް މޯލްޑިވްސްގެ އީޒީ ޕޭ ޚިދުމަތް އެ ކުންފުނިން އަތޮޅުތެރެއަށް ފުޅާކޮށްފި އެވެ.
އީޒީ ޕޭ އަކީ، އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ބޭނުންކޮށްގެން އިންސްޓޯލްމެންޓަށް މުދާ ނެގޭ ގޮތަށް ބީއެމްއެލުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފު ކުރި ޚިދުމަތެކެވެ.
ބީއެމްއެލުން ބުނީ، ރޯދަ މަހާ ދިމާކޮށް، އަތޮޅު ތެރޭގެ 10 ފިހާރައަކުން އީޒީ ޕޭ ޚިދުމަތުގެ ދަށުން ވިޔަފާރި ކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އައްޑޫ ސިޓީ، ހއ. އަތޮޅު، ހައްދުންމަތި އަދި ފުވައްމުލަކުގެ ފިހާރަތައް ހިމެނެ އެވެ. މާލޭގައި އީޒީ ޕޭ ޚިދުމަތް ދޭ ފިހާރަތަކާ އެކު ޖުމްލަ 45 ފިހާރައަކުން މި ޚިދުމަތް މިހާރު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނާ އިރު، އެ ބޭންކުން ދަނީ އިތުރު އަތޮޅުތަކަށް ވެސް ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.
އީޒީ ޕޭ ޚިދުތުގެ ދަށުން، ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ އެއްވަރުގެ އަދަދަކަށް މުދާ ގަނެވޭނެ އެވެ. އަދި ފައިސާ ދެއްކުމަށް ދިގު މުއްދަތަކާ، ލުއި ގޮތްތަކެއް ލިބޭނެ އެވެ. އެގޮތުން، ދެ އަހަރު، ދޮޅު އަހަރު، އެއް އަހަރު، ހަ މަސް އަދި ތިން މަހުން ފައިސާ ދެއްކޭނެ އެވެ. އަދި އަހަރަކަށް ފަސް ޕަސަންޓުގެ އިންޓްރެސްޓް ވެސް ނެގޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.