19 May 2016, 14:28
ވޮޝިންޓަން (މޭ 19) : ދެކުނު ޗައިނާ ކަނޑުގައި އުދުހެމުންދިޔަ އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް ޗައިނާގެ އަސްކަރީ ދެ މަތިންދާބޯޓުން ހުރަސް އަޅައިފި ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓަކަށް ޗައިނާގެ އަސްކަރީ ދެ މަތިންދާ ބޯޓުން ހުރަސްއެޅީ ނުރައްކާތެރި ގޮތަކަށް ކަމަށާއި މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގަ އެވެ. ޗައިނާއިން މިކަންތައް ކުރީ ދެކުނު ޗައިނާ ކަނޑުގައިވާ ބައިނަލްއަގްވާމީ ސަރަހައްދުގައި ކަމަށް ވެސް ޕެންޓަގަން އިން ބުނެ އެވެ. އެ ޙާދިސާ ހިނގާފައި މި ވަނީ ޗައިނާގެ ކަނޑުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ކަމަށްވާއިރު އެމެރިކާގެ އަސްކަރީ އުޅަނދުތައް ޗައިނާގެ ބަނޑުދަށަށް އަންނަންޖެހުނު ގޮތެއް ޕެންޓަގަންއިން ހާމަކޮށެއް ނުދެ އެވެ.
ޗައިނާއަކީ އެމެރިކާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އަސްކަރީ މަތިންދާ ބޯޓުތައް ފޮނުވާ ގައުމެއް ކަމަށް ނުވި ނަމަވެސް އެމެރިކާއަކީ ޗައިނާގެ ކަނޑުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ހަނގުރާމައިގެ މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވާ ގައުމެކެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އާއި އެ ސަރަހައްދުގެ ގައުމުތަކުގެ ދެމެދުގައިވާ މައްސަލައާމެދު އެ ގައުމުތަކަށްވުރެ ބޮޑަށް އެކަން ބޮޑުވެގެން އަބަދުވެސް ވާހަކަ ދައްކަމުން ގެންދަނީ އެ ސަރަހައްދާ އެތަށް ހާސް ކިލޯމީޓަރެއްގެ ދުރުގައިވާ އެމެރިކާއިން ނެވެ.
އެމެރިކާގެ އަސްކަރީ އުޅަނދުތަކުގެ އުނދަނގޫ ބޮޑުވެގެން 2014 ވަނަ އަހަރު ވެސް ޗައިނާގެ އަސްކަރީ ފައިޓަރ ޖެޓަކުންވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އުދުހުނު އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކަށް ހުރަސްއަޅާފައެވެ.
ދުނިޔޭގައި ކަނޑުގެ މަގުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 5 ޓްރިލިޔަން ޑޮލަރުގެ މުދާ ދަނީ ދެކުނު ޗައިނާގެ ކަނޑު ހުރަސްކޮށެވެ. މިކަނޑުގެ ބޮޑުބައެއް އެއީ ޗައިނާގެ ކަނޑުގެ ސަރަހައްދު ކަމަށް އެގައުމުން އިޢްލާން ކުރުމަށްފަހު ޗައިނާއަށް ގޯނާއެއް ކޮށްލެވޭނެ ކޮންމެވެސް ގޮތެއްވޭތޯ އެމެރިކާ ބަލަމުން ގެންދާކަމަށްވެއެވެ.
ނަމަވެސް ޗައިނާގެ ބިޔަ އަދި ބާރުގަދަ ލަޝްކަރުތަކަކީ އެމެރިކާއަށް ގޯނާކޮށްލަން ނޫނީ ކުޅެލަން ކެރޭވަރަށްވުރެ މާ ބާރުގަދަ އަދި މާބިޔަ ލަޝްކަރުތަކަކަށްވާތީ އެސަރަހައްދުގައި މުގޯލި އެޅުން ފިޔަވައި އެހެން ކަމެއް އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ނުކުރެއެވެ. އެމެރިކާއަކީ އެއްވެސް ބޮޑު ގައުމަކާ ކުރިމަތިލާން ކެރޭ ގައުމެއްނޫނެވެ. އެމެރިކާ ކުރިމަތިލަނީ ދުނިޔޭގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ އަދި ކުދިކުދި ގައުމުތަކުގެ ލަޝްކަރުތަކާއެވެ. އެމެރިކާ ވަނީ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓަކަށް ޗައިނާގެ އަސްކަރީ ދެ މަތިންދާބޯޓުން ހުރަސްއެޅި މައްސަލާގައި ސުލްޙަވެރިކަމާއެކު ޗައިނާއާ ވާހަކަ ދައްކާނެ ކަމަށް ބުނެފައެވެ. (ރޮއިޓާސް)