މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވެފައިވާއިރު އެ ހޮސްޕިޓަލަށް އަންނަ ބަލިމީހުން އެމެޖެންސީ ގޭޓް ބޭނުން ކުރުމަށް އެ ހޮސްޕިޓަލުން އަންގައިފި އެވެ.

އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ޑޮކްޓަރަށް ދެއްކުމަށް އައިސް ވެހިކަލުން ފައިބަން ޖެހިފައި ވަނީ ފެންބޮޑުވެފައިވާ އައިޖީއެމްއެޗްގެ އިރުމަތިފަރާތު ގޭޓު ކައިރިއަށެވެ. އައިޖީއެމްއެޗަށް ވަންނަން ޖެހެނީ އޯޕީޑީ ފަޅީގެ ގޭޓް ކުރިމަތީގައި ހެދިފައިވާ ފެންގަނޑުގެ ތެރެއިންލާފަ އެވެ.

މީހުންނަށް ކުރިމަތިވާ ދަތިތަކާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވީ އެ ހޮސްޕިޓަލަށް އަންނަ ބަލި މީހުން ފެންގަނޑަށް ފޭބުމުގެ ބަދަލުގައި ބުރުޒުމަގު ހުޅަނގުފަރާތުގައި ހަދާފައިވާ އެމަޖެންސީ ގޭޓް ބޭނުން ކުރެވޭނެ ކަމަށެވެ.

"ހިނގާފައި އަންނަ ބަލިމީހުންނަށް ވެސް އެކޮޅުން ވަދެވޭނެ، އެމަޖެންސީގައި އަންނަ ޓެކްސީތަކަށް ވެސް ޖާގަދޭނެ ހުޅުވަދޭނެ ޕޮލިހުންގެ ޕޯސްޓުން،" ޒީނަތު ވިދާޅުވި އެވެ.

އެމަގު އެންމެންނަށް އާންމުކޮށް ހުޅުވާނުލަނީ އެއްކޮޅަށް ދުއްވާ މަގަކަށްވާތީ އެމްބިއުލާންސް ނުކުންނަން ދަތިތަކެއް ކުރިމަތިވާތީ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ އައިޖީއެމްއެޗް ސަރަހައްދުގަ އެވެ.