19 May 2016, 12:38
ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވުމުގެ ސަބަބުން، ދިވެއްސަކަށް ގެއްލުމެއްވެފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނާ ޒާހިޔާ ޒަރީރު ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް 13،000 އެއްހާ ދިވެހިން ދިރިއުޅޭ ލަންކާގައި ފެންބޮޑުވެ، ބައެއް މީހުން މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު ހައިކޮމިޝަނާ ޒާހިޔާ "ސަން"އަށް މިއަދު ވިދާޅުވީ ދިވެއްސަކަށް ގެއްލުމެއް ވެގެން ހުށައަޅާފައިނުވާ ކަމަށާއި ނަމަވެސް ދިވެހިން އުޅޭ ސަރަހައްދުތަކުގައި ވެސް ކޮންމެވެސް ވަރަކަށް ފެންބޮޑުވި ކަމަށެވެ.
"އެއްވެސް ދިވެހި ބޭފުޅެއް އަޅުގަނޑުމެންނާއި ހަމައަށް އެހީތެރިކަމަކަށް ވެސް އެދިވަޑައެއް ނުގަންނަވާ، އެއްވެސް އެކަހަލަ މައުލޫމާތު އަޅުގަނޑުމެންނަކަށް ނާދޭ،" ޒާހިޔާ ވިދާޅުވި އެވެ.
ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާގައި، ބޯކޮށް ވާރޭވެހި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 19 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 350،000 ވަރަކަށް މީހުން ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް އަރަނާޔަކާގައި 300 ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ލަންކާގެ އޮފިޝަލުން ވިދާޅުވި އެވެ.