12 May 2011, 07:45
ނިއުދިއްލީ : އިންޑިޔާއާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި އިންޑިޔާއިން ޢަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ.
އިންޑިޔާ ސިފައިންގެ ތަރްޖަމާނެއް ކަމަށްވާ އެސް.ޖީ ގޮސްވާމީ ހާމަކުރެއްވި ގޮތުގައި އިންޑިޔާގެ އެއްގަމު ސިފައިންނާއި ވައިގެ ސިފައިންގެ މިތަމްރީންތަކަކީ އެޤައުމުން އުފައްދާފައިވާ ހަތިޔާރުގެ އާ ޓެކްނޮލޮޖީގެެ ބާރާއި ފެންވަރު ބަލާލުމާއި ވަޒަންކުރުމުގެ ތަމްރީން ތަކެކެވެ.
އިންޑިޔާގެ 30 ހާސް ސިފައިން ބައިވެރިވާ މިތަމްރީންތައް ކުރިޔަށްގެންދާ ސަރަޙައްދުތަކުގެ ހޫނުމިން ދުވާލުގެ ވަގުތުގައި 42 ޑިގްރީ ސެލްސިއަސް އަށް އަރައެވެ. މިތަމްރީންތަކުގައި ޢަސްކަރީ މަތިިންދާބޯޓާއި ހެލިކޮޕްޓަރުގެ އިތުރުން ޓޭންކާއި ބޮޑުބަޑިފަދަ ބަރުހަތިޔާރު ހިމެނެއެވެ.
"ވިޖޭ ބާވާ" ގެ ނަމުން ނަންދެވިފައިވާ ސިލްސިލާ މިތަމްރީންތައް އިންޑިޔާގެ ހަތިޔާރުއެޅި ލަޝްކަރުތަކުން އެޤައުމުގެ ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ބާއްވަމުން ގެންދެއެވެ.
ދުނިޔޭގައި ޢަސްކަރީ ގޮތުން ހަތަރުވަނައަށް އެންމެ ބާރުގަދަ ޤައުމުކަމަށްވާ އިންޑިޔާގެ ލަޝްކަރުތަކުގައި 1.1 މިލިޔަން ސިފައިން ހިމެނެއެވެ. އިންޑިޔާއަކީ ހަތިޔާރުގެ ވަރުގަދަ ސިނާޢަތެއްވެސް އޮންނަ ޤައުމެކެވެ.
ނަމަވެސް އެމެރިކާ، ރަޝިޔާ ޔޫރަޕް އަދި ޗައިނާގައި ހަތިޔާރު އުފައްދާ ފެންވަރަށް އިންޑިޔާގެ ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްޤީ ކުރަން އަދި ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނިއުކްލިޔަރ ބާރެއް ކަމަށްވާ އިންޑިޔާއިން އަވަށްޓެރި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ގިނަ ޢަދަދަކަށް ޢަސްކަރި ތަމްރީންތައް ބާއްވާފައިވެއެވެ. ޕާކިސްތާނަކީވެސް ނިއުކްލިޔަރ ހަތިޔާރުގެ ޤާބިލްކަން ލިބިފައިވާ އަދި ހަތިޔާރުގެ ސިނާޢަތެއް ވެސް އޮންނަ ޤައުމެކެވެ.
އިންޑިޔާގެ މިތަމްރީންތަކާމެދު ޕާކިސްތާނުން ކަންބޮޑުވާކަން ހާމަކޮށްފައެއް ނުވެއެވެ. -- އޭއެފްޕީ