އެލައިޑް އިންޝޫރަންސު ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއިން ބާއްވާ ލައިފް އެންޑް ހެލްތު ފެސްޓިވަލް، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބޭއްވުމަށް ނިންމައިފި އެވެ.

އެލައިޑް އިންޝޫރަންސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަމީލް ވިދާޅުވީ، ފެސްޓިވަލުގެ މަގުސަދަކީ ރާއްޖޭގައި ރަނގަޅު ސިއްހަތާއި، ސިއްހީ ރަނގަޅު އާދަތައް ޕުރޮމޯޓު ކުރުމާ އެކު، އެލައިޑުގެ ލައިފު އިންޝޫރަންސު މާކެޓު ކުރުން ކަމަށެވެ.

އެ ފެސްޓިވަލު އޮންނާނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހު، ރަސްފަންނުގަ އެވެ. މިއީ މި ފެސްޓިވަލް ބާއްވާ ތިންވަނަ ފަހަރެވެ.

"ލައިފް އިންޝޫރަންސުގެ ވަރަށް ބޮޑު ބައެއް ހެލްތީ ލައިފްސްޓައިލަކީ. ހެލްތީ ލައިފްސްޓައިލާ ގުޅޭ ހުރިހާ ފަރާތްތަކުން، ޖިމްތައް ވިޔަސް، ރިލޭޓެޑް ކްލިނިކްސްއާ ފުޑް އައުޓްލެޓްސް ކަހަލަ ހުރިހާ ފަރާތްތައް ބައިވެރިކޮށްގެން ކުރިޔަށް ގެންދާ ފެސްޓިވަލެއް މިއީ،" އަމީލު ވިދާޅުވި އެވެ.

މި އަހަރުގެ ފެސްޓިވަލުގައި އެލައިޑު އިންޝޫރަންސާ އެކު ޖުމްލަ ނުވަ ޕާޓްނަރަކު އެ ފެސްޓިވަލުގައި ބައިވެރިވެ އެވެ. އެއީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ މޯލްޑިވިއަން ބްލަޑު ސާވިސަސާއި އެސްޓީއޯގެ އިތުރުން ޓީއެފްޖީ އެވެ. ހަމައެއާއެކު ފިޓް ސްޓޫޑިއޯއާ، ހީޓް ހެލްތު އެންޑް ފިޓްނަސާއި ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިތުރުން ގްލޯފިޓް ވެސް އެ ފެސްޓިވަލުގައި ބައިވެރިވެ އެވެ.

އަމީލު ވިދާޅުވީ، އެލައިޑުން ބޭނުންވަނީ ހެލްތީ ލައިފްސްޓައިލް ޕްރޮމޯޓު ކުރުމަށް ޕާޓްނަރުން ކުރާ މަސައްކަތްތައް މާކެޓު ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ޝަރުތެއް އޮންނަނީ. އެއީ ހެލްތީ ލައިފްސްޓައިލާ ގުޅޭ އެއްޗަކަށް ވާންޖެހޭނީ. މިތާނގައި ކެފޭގައި ހެދިކާ ވިއްކާކަށް އަޅުގަނޑުމެން ހުއްދައެއް ނުދޭނަން. ހެލްތީ ފުޑް ހުންނަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އެންމެފަހުން އެލައިޑު ލައިފް އެންޑް ހެލްތު ފެސްޓިވަލް ބާއްވާފައި ވަނީ 2013ވަނަ އަހަރުގަ އެވެ.