Kolhigandu thoofaanakah badhalu vejje, thoofaan dhanee raajje aa dhurah
Kolhigandu thoofaanakah badhalu vejje, thoofaan dhanee raajje aa dhurah

Last Updated:
10 year 6 month ago

ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ، ތޫފާން ދަނީ ރާއްޖެއާ ދުރަށް

  • މިއީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ގެނެސްދޭ ލައިވް ބްލޮގެއް. ރަށްތަކަށް ވެފައިވާ ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު މި ކަވަރޭޖުގައި ގެނެސްދޭނަން. ވިއްސާރައާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ވަމުންދާ ތައްޔާރީތައް މި ބްލޮގުގައި ހިމަނާނެ. ވިއްސާރައިގެ ގެއްލުންވި ރަށްތަކުން "ސަން"އަށް ފޮޓޯ އާއި މައުލޫމާތު ފޮނުވަމުން ގެންދަވާ. އަދި ސަންގެ ހޮޓްލައިން 9982747 އާއި 9992747 އަށް ފޮޓޯއާއެކު މައުލުމާތު ފޮނުއްވަވާ.
ބުލޮގު ޚުލާސާ

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރާއްޖޭގެ އިރުމަތީ ފަރާތުގައި އުދެފުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެ ތޫފާން ރާއްޖެއިން ދުރަށް ދަތުރުކުރާނެ ކަމަށް ލަފާކުފެވޭ ކަމަށް މޯލްޑިވްސް މީޓުރޮލިޖިކަލް ސެންޓަރުން ބުނެފި އެވެ.

Kolhigandu thoofaanakah badhalu vejje, thoofaan dhanee raajje aa dhurah
Kolhigandu thoofaanakah badhalu vejje, thoofaan dhanee raajje aa dhurah

މެޓު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިރުމަތީ ފަރާތުގައި އުފެދުނު ކޮޅިގަނޑު މަޑުމަޑުން އުތުރަށް ދަތުރުކޮށް ސުރީލަންކާ ފަހަނައަޅާ އިންޑިއާގެ އިރުމަތީ އައްސޭރި ފަށާ ކައިރިން ބަންގާޅު ކަނޑު ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ.

ތޫފާންގެ ނަމަކީ ރޯނު

"މިދެންނެވި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މިއަދު ވަނީ ތޫފާނަކަށް ބަދަލުވެފައި. އަދި ތޫފާނުގެ ނަމަކަށް ކިޔަނީ ރޯނު. މިއީ ދިވެހި ނަމެއް. ބަންގާޅުކަނޑުގައި އިން މި ތޫފާނު 'ރޯނު' އުތުރަށް ރާއްޖެއާ ދުރަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ." މެޓު އޮފީހުން ބުންޏެވެ.

މެޓު އޮފީހުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ.

ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވުނު ރަށްތައް:

  • ތ. ވޭމަންޑޫ: 170 މިލިމީޓަރުގެ ވާރޭ
  • ލ. ކައްދޫ: 107 މިލިމީޓަރުގެ ވާރޭ
  • ހުޅުލެއަށް: 91 މިލިމީޓަރުގެ ވާރޭ

މެޓު އޮފީހުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވައި އެންމެ ގަދަވިކަމަށް ރެކޯޑު ކުރެވިފައި ވަނީ އައްޑު ސިޓީގެ ގަމަށް ކަމަށެވެ. އެގޮތުން ގަމަށް ގަޑިއަކު 52 މޭލު ބާރު މިނުގައި ވައި ޖެހުނު ކަމަށް މެޓު އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މެޓު އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓު އޮފީހުން ބުންޏެވެ. އަދި ބުނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

10:48

ވިއްސާރައިގައި ތ. ކިނބިދޫގައި ފެން ބޮޑުވެފައި: ވިއްސާރާގައި ތ. އަތޮޅުގައި އެންމެ ބޯކޮށް ވާރޭވެނުނު ކަމަށް ރިކޯޑު ކުރެވިފައިވަނީ ތ. ވޭމަންޑޫ، އެ ރަށަށް 170 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ-- ސަން ފޮޓޯ/ ކިޔުންތެރިއެއް
15:23މުހައްމަދު ސިމާއު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބެމުންދާ ފަރާތްތަކަށް ސަރުކާރުން މާލީ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ.

މިނިސްޓަރު "ސަން" އަށް މިއަދު ވިދާޅުވީ، ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މާލީ އެހީތެރިކަން ވެދެއްވާނެ ކަމަށް. އަދި މާލީ އެހީތެރިކަން ދެއްވާނީ ގެތަކަށް ލިބުނު ގެއްލުން ބެލުމަށް ޑިޒާސްޓާ އިން ހަދާ އެސެސްމެންޓަށް ބެލުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި.

ގަދަ ވާޔާ އެކު ބޯކޮން ވާރޭވެހި ރަށްތަކަށް ގެއްލުންވުން--- ފޮޓޯ : ކިޔުންތެރިއެއް

"އެސެސްމަންޓް ހެދުމަށްފަހު ގާތްގަނޑަކަށް ތިން ހަތަރު ދުވަހުގެ ތެރޭގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދެއްވާނެ،" ޑިފެންސް މިނިސްޓަރު ވިދާޅުވި.

15:10މުހައްމަދު ސިމާއު

ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ބައެއް ރަށްތަކުގެ ސްކޫލްތައް ބަންދުކޮށްފައިވާ ކަމަށް އެ ރަށްރަށުން ބުނި ނަމަވެސް، އެއްވެސް ސްކޫލެއް ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިނުވާނެ ކަމަށާއި އަދި އެއްވެސް ސްކޫލެއް ބަންދު ކޮށްފައިވެސް ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިސަރު މަރިޔަމް ސަނާ "ސަން" އަށް ވިދާޅުވީ، އެއްވެސް ސްކޫލެއް ބަންދުކޮށްގެން އެފަދަ މައުލޫމާތެއް އެ މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށް.

އއ. ރަސްދޫ ސުކޫލު ގޯތި ތެރޭގައި ފެން ބޮޑުވެފައި: އެ ސުކޫލުގެ ގޯތި ތެރޭގައި ފެން ބޮޑުވެ، ބައެއް ކުލާސް ރޫމުތަކަށް ފެން ވަދެފައިވާތީ އެ ސުކޫލުގެ ކިޔެވުން މިއަދު ވަނީ ހުއްޓާލައިފައި -- ފޮޓޯ/ ޓުވީޓާ

ނަމަވެސް، ފައުންޑޭޝަން ސްޓޭޖްގައި ހިމެނޭ ނާސަރީގެ ކުދިން ސްކޫލްތަކަށް ގެނައުމަށް ދަތިތަކެއްކުރިމަތިވާތީ، އެ ސްކޫލްތަކުން އެ ސްޓޭޖްގެ ކިޔެވުން ބަންދުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި.

ސަނާ ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ބައެއް ދަރިވަރުން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ފަސް ޖެހެމުންދާތީ، ސްކޫލަށްދިޔަ މަދު ދަރިވަރުންނާއެކު ވެސް ސްކޫލްތަކުގައި ކިޔަވައިދެމުންދާ ކަމަށް

14:01މުހައްމަދު ސިމާއު

ވިއްސާރައާ ގުޅިގެން އިސްދޫ ސްކޫލް ވެސް ބަންދުކޮށްފި

ލ. އިސްދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ކިޔަވައި ދިނުމަށް ދަތިވެ ސްކޫލްގެ ކިޔެވުން ބަންދުކޮށްފި އެވެ.

އިސްދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިބްރާހިމް ވަހީދު "ސަން"އަށް ވިދާޅުވީ، ނާސަރީން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދެމުން އަންނަ އެ ސްކޫލު ހުޅުވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށެވެ.

އިސްދޫ އަށް ބޯކޮށްވާރޭވެހި އެރަށު ބޮޑު މަގުގައި ވެސް ޗަކަ ހެދިފައިވާ ކަމަށް އިސްދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ވިދާޅުވި އެވެ.

12:35

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު "ސަން" އަށް މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ އެކި ރަށްތަކުގެ ޖުމުލަ 14 ގެއެއްގެ ފުރާޅު ރޭ ކުރި ވިއްސާރައިގައި އެއްލާލައިފައިވާ ކަމަށެވެ.

އައްޑޫ ސިޓީ މަގެއްގެ މަތި: އައްޑޫ ސިޓީގެ 14 ގެއެއްގެ ފުރާޅު ރޭ ކުރި ވިއްސާރައިގައި އެއްލައިލާފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައި -- ފޮޓޯ/ އެމްއެންޑީއެފް
12:29އާދަމް ނަޒީރު

ރަސްދޫއިން ވާހަކަދެއްކި މީހަކު "ސަން" އަށް މިއަދު ބުނީ އެރަށު ސުކޫލުގެ ކިޔެވުން ހުއްޓާލައިފައި ވަނީ އެ ސުކޫލުގެ ގޯތި ތެރޭގައި ފެން ބޮޑުވެފައިވާތީ ކަމަށެވެ. އޭނާ ބުނީ ކުލާސް ރޫމުތަކަށް ވެސް ފެން ވަދެފައިވާ ކަމަށެވެ.

އއ. ރަސްދޫ ސުކޫލު: އެ ސުކޫލުގެ ގޯތި ތެރޭގައި ފެން ބޮޑުވެ، ބައެއް ކުލާސް ރޫމުތަކަށް ފެން ވަދެފައިވާތީ އެ ސުކޫލުގެ ކިޔެވުން މިއަދު ވަނީ ހުއްޓާލައިފައި: ފޮޓޯ/ ޓުވީޓާ
12:25އާދަމް ނަޒީރު

މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި އއ. ރަސްދޫއާ ތ. އޮމަދޫ ސުކޫލުގައި ފެން ބޮޑުވުމުގެ ސަބަބުން އެ ދެ ރަށުގެ ކިޔެވުން ހުއްޓާލައިފި

އޮމަދޫ ކައުންސިލްގެ ނައިބު ރައީސް ޖާވިދު ހަސަން "ސަން" އަށް މިއަދު ވިދާޅުވީ ސުކޫލުގެ ކިޔެވުން ބަންދުކުރީ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ދަރިވަރުން ސުކޫލަށް ގެންދިއުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭތީ ކަމަށެވެ.

ތ. އޮމަދޫ މަގެއްގައި ފެން ބޮޑުވެފައި: އޮމަދޫ ސުކޫލުގެ ކިޔެވުން މިއަދު ވެސް ވަނީ ހުއްޓާލައިފައި: ސަން ފޮޓޯ/ ކިޔުންތެރެިއެއް
11:48މުހައްމަދު ސިމާއު

15 ރަށަކަށް ގެއްލުންވެ، 42 މީހަކު ހާލުގައި ޖެހިއްޖެ

ފެންބޮޑުވެ 15 ރަށަކަށް ގެއްލުންވެ، 42 މީހަކު ހާލުގައި ޖެހިއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ 15 ރަށެއްގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިގެން ރިޕޯޓްކޮށްފައިވާއިރު، 42 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

ވިއްސާރާގައި ފެންބޮޑުވެ، ގެއްލުންވެގެން ރިޕޯޓު ކުރި ރަށްތައް:

  • ތ. ތިމަރަފުށި، ތ. ހިރިލަންދޫ، ތ. ވޭމަންޑޫ، ތ. ކިނބިދޫ، މ. މުލި، ގއ. ވިލިނގިލި، އއ. އުކުޅަސް، ލ. ކުނަހަންދު، ލ. ފުނަދޫ، ލ. ގަން، ސ. ފޭދޫ، ސ. ހިތަދޫ، ދ. މީދޫ، ދ. ކުޑަހުވަދޫ، އއ. ބޮޑުފުޅަދޫ

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ މީޑިއާ އޮފިސަރު ހިސާން ހަސަން ވިދާޅުވީ، އިއްޔެގެ ނިޔަލަށް ޖުމްލަ 12 ރަށެއްގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިއަދުގެ މިހާތަނަށް އިތުރު ތިން ރަށަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ގެއްލުންތަކެއް ލިބިގެން ރިޕޯޓްކޮށްފައި ވަނީ ދ. އަތޮޅުގެ ދެ ރަށް ކަމަށްވާ މީދޫ އަދި ކުޑަހުވަދޫގެ އިތުރުން އއ. ބޮޑުފުޅަދޫ ކަމަށް ޑިޒާސްޓާ ސެންޓަރުން ބުނެއެވެ.

ހިސާން ވިދާޅުވީ، އެ ސެންޓަރުން އެންމެ ބޮޑު އިސްކަމެއް ދީގެން ހަރަކާތްތެރިވަމުން އަންނަ ތ. ތިމަރަފުށީގެ 15 އާއިލާއަކުން 42 މީހަކު ހާލުގައި ޖެހި، ރަށުގެ އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ރަށު ކައުންސިލް އިދާރާ އިން ހާލުގައި ޖެހުނު ތިން އާއިލާއަކަށް ހުރުން ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު އެހެން ރަށްތަކުން ހާލުގައި ޖެހުނު މީހުންގެ ރިޕޯޓް އަދި އެ ސެންޓަރާ ހިއްސާކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.