19 May 2016, 10:55
ވިއްސާރާގެ ސަބަބުން މަގުމަތި އޮތީ ފެންބޮޑު ވެފަ އެވެ. މުޅި މަގުގައި ކިލާފެނެ އެވެ. ކުއްލިއަކަށް ފެނިގެން ދިޔައީ ކިލާ އެ ފެންގަނޑުގެ ތެރެއަށް "ލީކްސް" ފަތްބޮނޑިއެއް ކޮށްޕާލައި އެ ފެނުން އެ ތަރުކާރީ ދޮންނަތަނެވެ. އެ އަށްފަހު އެތަރުކާރީ ފަތްބޮނޑި ވިއްކުމަށް ޑިސްޕްލޭގައި ބަހައްޓާ މަންޒަރު ވެސް ވީޑީއޯއިން ފެނެ އެވެ.
މިއީ ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާ ފެށި ވީޑިއޯއެކެވެ. ދަތުރުވެރިންގެ މާރުކޭޓު ކައިރި ހުންނަ "ޝޯރ ޓުރޭޑާސް" ނަމަކަށް ކިޔާ ފިހާރައިން ވިއްކާ ތަރުކާރީ އެ ދޮންނަނީ މަގުމަތީގައި ހެދިފައިވާ ކިލާ ފެންގަނޑުންނެވެ.
އާންމުވެފައިވާ ވީޑިއޯއާ ގުޅޭ ގޮތުން ސަންގެ ނޫސްވެރިން މިއަދު އެ ފިހާރައަށް ގޮސް ބެލުމުން ވިއްކަން ބަހައްޓާފައިވާ ތަކެއްޗަކީ ތަގައްޔަރުވެފައިވާ ކިިލާފެންގަނޑުން ދޮވެފައި ހުރި ތަކެތިތޯ ނުވަތަ ނޫން ތޯ ސުވާލަށްވަނީ ޖަވާބް ނުލިބިފައެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ވައްތަރުގެ ފަތް އެ ފިހާރައިގެ ވިއްކަން ބަހައްޓާފައި ހުއްޓާ ވަނީ ފެނިފަ އެވެ. އެ ފިހާރައިން އެ ވައްތަރުގެ ކިލޯއެއްގެ ފަތްބޮނޑިއެއް ވިއްކަމުން ދަނީ 45 ރުފިޔާއަށެވެ.
އެތައް ބަޔަކު ކުޅުޖެހުންފަދަ މުޑުދާރު ކަންތައްތަކެއް ހިނގާ ބަނދަރުމަތީ ފިހާރައަކުން ކިލާފެނުން ދޮވެ ތަރުކާރީ ވިއްކާހިސާބަށް ކަންކަން ގޮސްފައިވާއިރު މިއީ ސިއްހީ ގޮތުން އެތައް މައްސަލައެއް ކުރިމަތިވެދާނެ ކަންކަމެވެ.

ޝޯރ ޓުރޭޑާސް ފިހާރަ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
ކިސަޑު ފެނުގައި ނުރައްކާތެރި ބެކްޓީރިއާތައް އާލާވުމަކީ އެކަށީގެންވާ ކަމެކެވެ. ބެކްޓީރިއާ އެކުލެވޭ ފެނުން ދޮވެފައި ހުންނަ ތަރުކާރީ ރަނގަޅަށް ސާފުނުކޮށް ކެއުމުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުމާއި، ކާނާ ވިހަވުމާއި، ބޭރަށް ހިންގުމާއި، ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންތައް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޔޫއެސް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މިއަދު "ސަން"އަށް ވިދާޅުވީ އެ ވީޑިއޯ ފެނުމާއެކު އެ ފިހާރާގެ ވެރިމީހާ އާއި ވާހަކަ ދައްކައި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށް ވެސް ތަސްލީމާ ވިދާޅުވިއެވެ.
ކިލާފެނުން ތަރުކާރީ ދޮންނަ މައްސަލައެއް ފެންމަތިވެފައިވާއިރު މަސްމާރުކޭޓުގެ މަސްކަނޑާ ސަރަހައްދުގައި ފެންވަރާ ދަތް އުނގުޅާ މައްސަލަ އާއި ވަޅޯމަސް މާރުކޭޓުގައި ބުޅާއުޅޭ ފަދަ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެކަންކަން ވެސް ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީނެބުނެއެވެ.