ދައުރުގެ މެދުތެރެއިން އިންތިހާބު ބާއްވާން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޖެހިލުންވެވަޑައިނުގަންނަވާ ކަމަށާއި އެކަން ނުކުރެވުނީ އިދިކޮޅު ލީޑަރުން ކުރައްވަންޖެހޭ ކަންކަން ނުކުރެއްވުމާއި އެ ބޭފުޅުންގެ ސިޔާސީ ބުރަދަނެއް ނެތުމުން ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިރޭ ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ބޮޑުފެންޑާ ޕްރޮގްރާމަށް ފޯނުން އިންޓަވިއުއެއް ދެއްވަމުން ޒުހައިރު ވިދާޅުވީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ރައްޔިތުން އެދޭ ސިޔާސީ ލީޑަރުންނަށް ހުރަހަކަށް އެމަނިކުފާން ވެވަޑައިނުގަތުމަށް ކަމަށެވެ. އަދި އައްޑޫ ރައްޔިތުން އެދޭ ސިޔާސީ ލީޑަރަކީ ގައުމީ ޕާޓީގެ ލީޑަރު ޑރ. ޙަސަން ސައީދު ކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވަމުން ޒުހައިރު ވިދާޅުވީ ސިޔާސީ ބުރަދަނެއް ހުރި ބޭފުޅެއްކަން ޑރ. ހަސަންއަށް ސިޔާސީ މައިދާނުގައި ދެއްކެވިފައި ނުވާކަމަށެވެ.

"އެބޭފުޅުންނަކީ ސިޔާސީ ބުރަދަނެއް ހުރި ބޭފުޅުން ކަން ދެއްކެވިފައެއް ނުވޭ. އެއްބޭފުޅަކު އެ ހުންނެވީ އަމިއްލަ ޕާޓީގެ ލީޑަޝިޕް ދޫކޮށްލައްވާފައި ވަޑައިގެން އެހެން ސިޔާސީ ބޭފުޅެއްގެ ފަހަތްޕުޅުގައި، ދެ ވަނަ ތިންވަނަ ބޭފުޅެއްގެ ގޮތުގައި، ދެ ވަނަ ތިންވަނައިގާ އުޅުއްވާ ބޭފުޅުންނަކީ ސިޔާސީ ލީޑަރުން ކަމަކަށް ނުބެލެވޭނެ." ޙަސަނަކީ މިހާރު ސިޔާސީ ލީޑަރެއް ނޫންކަމަށް ސިފަކުރައްވަމުން ޒުހައިރު ވިދާޅުވި އެވެ.

ޑރ. ހަސަންގެ ސިޔާސީ ބުރަދަނެއް ނެތް ބޭފުޅެއްކަން ދޭހަވާ ދެވަނަ ނުކުތާއެއްވެސް ޒުހައިރު ފާހަގަކުރެއްވެވި އެވެ. ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފަހުން އައި ދެ އިންތިހާބުގައި ޑރ. ހަސަންގެ ގައުމީ ޕާޓީއަށް ލިބުނީ ބޮޑު ނާކާމިޔާބީ ކަމަށެވެ.

ޑީއާރްޕީގެ ލީޑަރު ތަސްމީނަށް ނިސްބަތް ކުރައްވައި ޒުހައިރު ވިދާޅުވީ ތަސްމީނަކީ ސިޔާސީ ލީޑަރަކަށް ވިޔަސް އޭނާގެ ލީޑަޝިޕާ މެދު އޭނާގެ ޕާޓީން ސުވާލު އުފައްދާ ކަމަށެވެ. އަދި އެބޭފުޅާގެ ސިޔާސީ ބުރަދަނާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.

ދައުރުގެ މެދުތެރެއިން އިންތިހާބު ނުބޭއްވުނު ދެވަނަ ސަބަބެއް ކަމަށް ޒުހައިރު ވިދާޅުވީ އެކަމަށް ހުރި ގާނޫނީ ހުރަސްތައް އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖުލީހުގެ އަޣުލަބިއްޔަތު އޮތް އިރުވެސް ނައްތާލެވިފައި ނުވުން ކަމަށެވެ.

"އިންތިހާބެއް ބޭއްވުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް އެބޭފުޅުންނަކަށް މަސައްކަތް ކުރެވިފައެއް ނުވޭ،" ޒުހައިރު ވިދާޅު ވިއެވެ.

ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް ގަބޫލުކުރައްވަންތޯ ޑރ. ހަސަން ސައީދާއި އަހުމަދު ތަސްމީން އަލީއަށް ކުރިމަތި ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

"މިހާރުވެސް ހަމަ އިސްތިއުފާ ދެއްވަންވީ މާދަމާ އިންތިހާބު ބޭއްވޭނެ" ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކުރުމުން ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ. މީގެ އިތުރުން އެ ދެބޭފުޅުން ވެސް ވިދާޅުވީ ދައުރު މެދުތެރެއިން އިންތިހާބު ބާއްވަން ރައީސް ބޭނުންފުޅު ނުވަނީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަން ޔަގީންވެ ވަޑައިގަންނަވާތީ ކަމަށެވެ.

"އޭރު އެހެން އެ ވައުދުވެ ވަޑައިގަތީ ވެސް އެ ވައުދުވެވަޑައި ނުގެން އިންތިހާބު ކާމިޔާބު ނުކުރެއްވޭނެތީ، މިއަދު އެ ވައުދު ފުއްދަން ކެރިވަޑައި ނުގެން އުޅުއްވަނީ ވެސް ކާމިޔާބު ނުކުރެއްވޭނެތީ،" ތަސްމީން ވިދާޅުވި އެވެ.