19 May 2016, 02:42
މޮޅު ކުޅުމަކާއެކު ފަހަތުން އަރައި އިނގިރޭސި ކްލަބު ލިވަޕޫލް ބަލިކޮށް، ވިދިވިދިގެން ތިން ވަނަ ފަހަރަށް ސްޕެއިންގެ ސެވިއްޔާއިން ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި އެވެ.
ސްވިޒަލޭންޑްގެ ބާސެލްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ލިވަޕޫލްގެ މައްޗަށް ސެވިއްޔާ ކުރި ހޯދީ 3-1 ލަނޑުންނެވެ. މިއީ ސެވިއްޔާއިން ޔޫރޮޕާ ލީގު ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކުލަބަކީ ވެސް ސެވިއްޔާ އެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ލިވަޕޫލް އާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: ފައިނަލުގައި ލިވަޕޫލް އަތުން 3-1 ލަނޑުން މޮޅުވެ، ސެވިއްޔާއިން ވަނީ ވިދިވިދިގެން ތިން ވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ --- ފޮޓޯ: އޭޕީ
މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ސެވިއްޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. ނަމަވެސް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ފުރުސަތު ތަނަވަސްކުރީ ލިވަޕޫލް އިންނެވެ. ނޭތަނިއެލް ކްލައިން ނަގައިދިން ހުރަހަކުން ޑެނިއެލް ސްޓަރިޖް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ސެވިއްޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ސެވިއްޔާއަށް ލިބުނު ކޯނަރަކުން ލިބުނު ފުރުސަތަކުން ކެވިން ގެމެއިރޯގެ އޯވަހެޑް ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ސެވިއްޔާއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު، ކޮކޭ އުފާފާޅުކުރަނީ: ފައިނަލުގައި ލިވަޕޫލް އަތުން 3-1 ލަނޑުން މޮޅުވެ، ސެވިއްޔާއިން ވަނީ ވިދިވިދިގެން ތިން ވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ --- ފޮޓޯ: އޭޕީ
މެޗުގެ 35 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ފިލިޕޭ ކުޓީނިއޯ ދިން ބޯޅައަކުން ލިވަޕޫލްއަށް ލީޑު ހޯދައިދިނީ އިނގިރޭސި ފޯވަޑް ސްޓަރިޖް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސެވިއްޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ 16 ސިކުންތުގެ ތެރޭގައި ސެވިއްޔާއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަަމަކޮށްފަ އެވެ. ލިވަޕޫލްގެ ލޮވްރެންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބޯޅަ ހިފައިގެން އަލްބާޓޯ މޮރޭނޯ ކައިރިން ނައްޓާލުމަށްފަހު މަރިއާނޯ ދިން ބޯޅައަކުން ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ގެމޭރޯ އެވެ.
އޭގެ ދެ މިނެޓު ފަހުން ސެވިއްޔާއަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. އެވާ ބަނޭގާ ދިން ރީތި ބޯޅައެއް ހިފައިގެން ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ގެމޭރޯ އުފެއްދި ހަމަލާ، ލިވަޕޫލްގެ އައިވަރީ ކޯސްޓް ޑިފެންޑަރު ކޯލޯ ޓޫރޭ ވަނީ ދިފާއުކޮށްފަ އެވެ.

ފައިނަލުގައި 3-1 ލަނޑުން ލިވަޕޫލް އަތުން މޮޅުވެ، ސެވިއްޔާއިން ވިދިވިދިގެން ތިން ވަނަ ފަހަރަށް ޔޫރޮޕާ ލީގު އުފުލައިލަނީ --- ފޮޓޯ: އޭޕީ
މެޗުގެ 64 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ލަނޑެއްޖަހައި ލީޑު ފުޅާކޮށްފަ އެވެ. ރީތި ޕާސިން ކުޅުމަކަށްފަހު ވިޓޯލޯ ދިން ބޯޅައަކުން ސެވިއްޔާއަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ކެޕްޓަން ކޮކޭ އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ސެވިއްޔާއިން އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރި އެވެ. ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިން ކޮކޭ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ އެޑަމް ލަލާނާ ގައިގައި ޖެހިފައި ލިބުނު ބޯޅައަކުން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގައި ލިވަޕޫލްއިން ލަނޑެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް، އެ ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި އެ ޓީމަށް ވަނީ 2001 ވަނަ އަހަރަށްފަހު، ޔޫރޮޕާ ލީގުގެ ތަށްޓެއް ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ.