އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި 1-1ގެ ނަތީޖާ އަކުން ޔުނައިޓެޑް ވިކްޓްރީއާ އެއްވަރުވި މެޗުގައި ރެފްރީންގެ ފަރާތުން ފެނުނު ކަންތައްތަކަށް ޓީސީ ސްޕޯޓްސްގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ) ހިތްހަމަނުޖެހުން ފާޅު ކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގައި ޓީސީގެ އަލީ ފާސިރު (ސެންޓޭ) އަށް ޔުނައިޓެޑް ވިކްޓްރީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ކުރި ޓެކުލް އަކާއި ގުޅިގެން ވެއްޓުނު އިރު ރެފްރީ އެއީ ފައުލެއް ކަމަށް ނުދެއްކުމުން ނިޒާމްބެ ވަނީ އެކަމަށް ފާޑުކިޔާފައެވެ.

"އިމޯޝަނަލީ ޑިސިޝަން ނެގީމަ ކަމަކު ނުދާނެ. ސެންޓޭ ފަޔަށް ކުރި ޓެކުލްގައި އޭނަ ވެއްޓުނު ގޮތް ކަމުނުދާކަށް ރެފްރީ ކުޅުންތެރިން ކައިރީ ބުނީމަ ކަމަކު ނުދޭ. ފަޔަށް ކުރި ޓެކުލް އަކުން އޭނާ ވެއްޓުނީ ކިހެނެއްތޯ ބަލާކަށް ނުޖެހޭ،" ނިޒާމްބެ ބުންޏެވެ.

އެ މެޗުގެ ކުރީ ކޮޅުގައި ޓީސީ އަށް ލިބުނު ޕެނަލްޓީއެއްގައި ސެންޓޭ އެ ޓީމަށް ލީޑް ނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީން ނަތީޖާ އެއްވަރު ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ރަފޭލް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލެއް ކޮށްފި ނަމަ ޕެންލްޓީ ދޭން ޖެހޭނެ ކަމަށާއި އެއީ ތިނެއް ނުވަތަ ހަތަރު ޕެނަލްޓީ ދޭން ޖެހުނަސް އޮފިޝަލުން ފަސަޖެހިގެން ނުވާނެ ކަމަށެވެ.

ޓީސީ އަށް ލިބެންޖެހޭ ޕެނަލްޓީއެއް ރެފްރީ ނުދޭކަމަށް ނިޒާމްބެ ބުނިއިރު އެ މެޗުގައި ޓީސީގެ ކުޅުންތެރިންނަށް ވުރެން ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިންގެ މަސަތްކަތުގެ ރޭޓް ރަނގަޅު ކަމަށް ނިޒާމްބެ ބުންޏެވެ.

"ޓީސީއަށް ވުރެން ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިންގެ މަސަތްކަތުގެ ރޭޓް މާބޮޑަށް ވެސް ރަނގަޅު. ޓީސީގަ އިބަހުރި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް. ކުރިއަށް ހުރި މެޗު ތަކުގައި އެކަންތައްތައް ރަނގަޅު ކުރާނަން،" ނިޒާމްބެ ބުންޏެވެ.