ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑރ. ޓޯނީ ޖިއަންޓޮންގް ޒިއާގެ ރެކޮން ގްރޫޕަށް އިނގިރޭސި ކްލަބު އެސްޓަން ވިލާ ވިއްކާލުމަށް އެ ކްލަބުގެ ވެރިޔާ ރޭންޑީ ލާނާ އެއްބަސްވެއްޖެ އެވެ.

ބާމިންގްހަމް ސިޓީއަށް ނިސްބަތްވާ އެސްޓަން ވިލާގެ ފަރާތުން މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ އިރު، އެ ކްލަބު ވަނީ ރެލިގޭޓުވެފަ އެވެ. ޕްރިމިއާ ލީގުގައި ކުޅުނު 38 މެޗުން އެ ކްލަބަށް ހޯދުނީ 17 ޕޮއިންޓެވެ.

އެމެރިކާގެ ވިޔަފާރިވެރިޔާ ލާނާ، އެސްޓަން ވިލާ ވިއްކާލާފައިވާކަން އެ ކްލަބުން ވެސް ކަށަވަރުކޮށްދީފައިވާ އިރު، ރިޕޯޓްތައް ބުނާ ގޮތުގައި އެ ކްލަބު ވިއްކާލާފައި ވަނީ 65 މިލިއަން ޕައުންޑަށެވެ.

"އެސްޓަން ވިލާގެ 100 އިންސައްތަ ހިއްސާ ޑރ. ޓޯނީ ޖިއަންޓޮންގް ޒިއާގެ ރެކޮން ގްރޫޕަށް ވިއްކާލުމަށް މިއަދު ވަނީ ރޭންޑީ ލާނާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ. ޕްރިމިއާ ލީގު އަދި ފުޓްބޯޅަ ލީގުގެ ހުއްދައާއެކު އާ މެނޭޖްމަންޓް ބޯޑެއް އެކުލަވާލުމަށްފަހު، އެސްޓަން ވިލާގެ ޗެއާމަނަކަށް ހުންނާނީ ޑރ. ޒިއާ. ކްލަބުން ވަރަށް އަވަހަށް ކޯޗެއް ހަމަޖައްސައި، އިއުލާނު ކުރާނެ،" އެސްޓަން ވިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެސްޓަން ވިލާގެ ބަޔާނުގައިވާ ގޮތުގައި، ޑރ. ޒިއާގެ އެންމެ މުހިންމު އެއް މަޤްސަދަކީ ޕްރިމިއާ ލީގަށް އަލުން އެ ކްލަބު ޕްރޮމޯޓުކޮށް ގަދަ ހައެއްގައި ހިމެނުމެވެ.