18 May 2016, 23:28
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސްއިން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ހިފަހައްޓައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ނިއު ރޭޑިއަންޓާއި ބީޖީ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ ގެންނެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް ތިން މެޗު ކުޅެފައިވާ އިރު، ނުވަ ޕޮއިންޓާއެކު އެއް ވަނާގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ހަތް ޕޮއިންޓާއެކު ދެވަނައިގައި ކްލަބު އީގަލްސް އޮތްއިރު، ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބު ވެލެންސިއާ އާއި، ޔުނައިޓެޑް ވިކްޓަރީ އަދި ނިއުއަށް، ކޮންމެ ޓީމަކަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ހަތް ވަނައިގައި އޮތް ބީޖީއަށް ޕޮއިންޓެއް ލިބިފައިވާ އިރު، ފުލުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ކޮޅު ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ބީޖީގެ ބިދޭސީ ކުޅުންތެރިޔާ ޑެނިއެލް ފިލެމޮންއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު އިރު، ނިއުގެ ރިލްވާން ވަހީދު (ރިލޭ) ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ބީޖީއަށް ލިބުނު ހިލޭ ޖެހުމަކުން ޑެނިއެލް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ބީޖީއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިއުގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ބީޖީގެ ހުސައިން އަފްސަލް ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ސުލޭމާނާ އަބޫ އަތަށެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ނިއުއަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ފުރުސަތަކުން އަބްދުﷲ ހަނީފް (ބެންޖޯ) އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިިމަތީ ދަނޑިކައިރިން ބޭރަށެވެ.
ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ރޭ 10:00 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ލީގުގެ އެންމެ ކުރީގައި އޮތް މާޒިޔާ އާއި ފުުލުގައި އޮޮތް ވިކްޓަރީ އެވެ.