ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ނުވަ ރަށަށް ވުރެ ގިނަ ރަށުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އެރަށްތަކުގެ ހާލަތު ބަލަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ)އިން ބުނެފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން "ސަން"އަށް މިރޭ ވިދާޅުވީ، އެ ސެންޓަރުން އެންމެ ބޮޑު އިސްކަމެއް ދީގެން އެހީތެރިކަން މިހާރު ފޯރުކޮށްދެމުން ދަނީ ފެންބޮޑުވި ތ. ތިމަރަފުއްޓަށާއި އެ އަތޮޅު ހިރިލަންދޫ އަދި ވޭމަންޑޫ އަށް ކަމަށެވެ.

މިހާރު ވެސް ވިއްސާރަވެހެމުންދާ ތިމަރަފުށީގައި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ފެންބޮޑުވެފައިވާ މަގުތަކުގައި ކޯރު ކެނޑުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވަސީލަތްތައް މަދުކަމުން އެކަމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުގެ ޓީމެއް އެ ރަށަށް ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ސަން"އަށް މިއަދު މައުލޫމާތު ދެއްވަމުން ތ. ތިމަރަފުށި ކައުންސިލްގެ ރައީސް ހުސެއިން ޝަރީފް ވިދާޅުވީ، އިއްޔެ އިން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭ ވެހެމުން އަންނަ ކަމަށާއި 80 ވަރަކަށް ގެއަށް ފެން ވަދެ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ.

ހިސާން ހަސަން ވިދާޅުވީ ވިއްސާރައިގައި ގެއްލުންވެގެން ރިޕޯޓުކޮށްފައި ވަނީ ލ. އަތޮޅުގެ ތިން ރަށް ކަމަށްވާ ގަމާއި ފޮނަދޫ އަދި ކުނަހަންދޫގެ އިތުރުން ގއ. ވިލިނގިލިއްޔާއި އެ އަތޮޅު ގެމަނަފުށީގެ އިތުރުން އއ. އުކުޅަހުން ކަމަށެވެ.

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންލިބުނު، ގއ. ވިލިނގިލި ކައުންސިލް އިދާރާއިން ބުނީ އެ ރަށަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ ރަށުގައި ހުންނަ އަތޮޅު ތައުލީ މަރުކަޒުގެ ކުލާސްރޫމްތަކުގަ އާއި ގޯތިތެރޭގައި ފެންބޮޑުވެ، ސްކޫލް ބަންދުކޮށްފައި ހުންނަތާ ދެ ދުވަސް ވެއްޖެ ކަމަށެވެ.

ވާރޭވެހި ފެން ބޮޑުވެ، ރަށުގެ 20 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާއިރު، އުފެދިފައިވާ ފެންގަނޑު ހިންދުމަށް ރަށުގެ މުއައްސަސާތަކުންނާއި ރައްޔިތުން ނުކުމެ ކޯރު ކެނޑުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޕަމްޕު ސްޓޭޝަންތަކަށް މައްސަލަޖެހި، ބައެއް ގެތަކުގެ ފާހާނާތަުން ނަޖިސް ބޭރުވަމުން އަންނަ ކަމަށާއި ޕަމްޕު ސްޓޭޝަންތައް މަރާމާތުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އެންމެ ފަހުން ޔެލޯ އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ހުވަދު އަތޮޅާ ހަމައަށެވެ. އެ އަތޮޅުތަކަށް ވިލާގަނޑުގައި 55 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.