18 May 2016, 22:50
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ ރައްޔިތުން ބައިވެރިވެވޭ ގޮތަށް އުފެއްދި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން (އެމްސީޓީސީއޯ) ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ އިފްތިތާހު ކުރައްވައިފި އެވެ.
ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން އިފްތިތާހު ކުރި ޖަމިއްޔާ، އެމްސީޓީސީއޯގެ މަގުސަދަކީ ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމެވެ. ޗައިނާ މެދުވެރިކޮށް ރާއްޖެއަށް އިންވެސްޓުމަންޓުތައް ހޯދުމާއި ދެ ގައުމުގެ ސަގާފަތް ދެމެހެއްޓެނިވި ގޮތުގައި ބަދަލުކުރުމަކީ ވެސް އެ ޖަމިއްޔާގެ މަގުސަދެކެވެ.

އެމްސީޓީސީއޯގެ ރައީސް އަހުމަދު މުސްތަފާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން ރަޝީދު
ދައުލަތުގެ ވަޒީރުންނާއި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ މީހުން ބައިވެރިވި ރަސްމިއްޔާތުގައި އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އެމްސީޓީސީއޯގައި ބައިވެރިވެވޭނީ ތިން ދާއިރާއަކުން ކަމަށެވެ.
އެގޮތުން ދެ ގައުމުގެ ރައްޔިތުންނަށް ބައިވެރިވެވޭ ތިން ކުލަބެއް އެ ޖަމިއްޔާގައި އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ޗައިނާގެ ވިޔަފާރިވެރިންނަށް އެ ޖަމިއްޔާގެ "އިންވެސްޓްމަންޓް ކްލަބު"ގައި ބައިވެރިވެވޭނެ އެވެ. އަދި ޗައިނާއާ ގުޅިގެން ވިޔަފާރީގެ މަސައްކަތް ފަށަން ބޭނުންވާ ރާއްޖޭގެ ކުންފުނިތަކަށް "ބިސްނަސް ކްލަބް"ގައި ބައިވެރިވެވޭނެ އެވެ. ރާއްޖެ އާއި ޗައިނާގެ ސަގާފަތް ތަޖުރިބާކޮށް، ދެމެހެއްޓެނިވި ގޮތުގައި އެކަން ކުރަން އުފައްދާފައިވަނީ "ކަލްޗަރަލް ކުލަބު" އެވެ.

ޗައިނާގެ ޝޯލިންގް ކުންފޫގެ ހަރަކާތްތަކެއް ދައްކާލަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން ރަޝީދު
އެމްސީޓީސީއޯގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ މުހައްމަދެވެ. އެ ޖަމިއްޔާގެ ނައިބު ރައީސަކީ ޗައިނާގައި ފަސް އަހަރު ދުވަހު ހޭދަކުރައްވާފައިވާ މިދުއަމް ސައުދެވެ.
އެމްސީޓީސީއޯގެ ހޮނޮރަރީ ރައީސަކީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.