18 May 2016, 20:32
ސެޕްޓެމްބަރު 11 ގެ ޓެރަރިސްޓް ޙަމަލާތަކުގައި މަރުވި މީހުންނާއި ގެއްލުން ލިބުނު އެމެރިކާ މީހުންގެ އާއިލާތަކަށް އެކަމުގެ މާއްދީ ބަދަލު ސައޫދީ އަރަބިޔާގެ ކިބައިން ހޯދުމަށްޓަކައި ސައޫދީ ސަރުކާރާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކަށް ދައުވާ އުފުލުމުގެ ގާނޫނީ ފުރުސަތު ލިބޭ ގާނޫނެއް އެމެރިކާގެ ސެނެޓުން ފާސްކޮށްފިއެވެ.
ނަމަވެސް މިގާނޫނަށް އަމަލުކުރަން ފެށޭނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ، މިގާނޫނު ތަސްދީގު ކުރެއްވުމުންނެވެ. އެ ގާނޫނު ފާސްކުރުމަށް ސެނެޓަށް ހުށަހެޅުމާއެކު ވެސް އޮބާމާގެ ސަރުކާރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައި އެ ގާނޫނު ފާސްނުކުރުމަށް ސެނެޓަށް އިލްތިމާސްކޮށްފަ އެވެ. އެ ގާނޫނު ފާސްކުރުމުގެ މާނަކީ ސެޕްޓެމްބަރު ޙަމަލާތަކަށް ބަދަލު ދިނުމުގެ ޒިންމާ ސައޫދީ ސަރުކާރުން އުފުލަންޖެހުމެވެ.
އެމެރިކާގެ 3000 ވުރެ ގިނަ މީހުން އެއްފަހަރާ މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވި އަދި މުޅި އެމެރިކާ ސިއްސައިގެންދިޔަ ސެޕްޓެމްބަރު 11 ގެ ޓެރަރިސްޓް ޙަމަލާތަކަކީ ސައޫދީ ރައްޔިތުންގެ ތެރޭގައި ހިމެނޭ މަދުބަޔަކު ބަޔަކު (އަލްގާއިދާގެ ލީޑަރު އުސާމާ ބިންލާދިން އާއި އޭނާގެ ބައިވެރިން) ފަހަތުގައ ތިބެގެން ޓެރަރިސްޓް ޙަމަލާތަކެއްކަމަށް އެމެރިކާ ސަރުކާރުން ބުނެއެވެ. ނަމަވެސް މިޙަމަލާތަކުގެ ޒިންމާ ސައޫދީ ސަރުކާރުން އުފުލަން ޖެހޭނެ ކަމަކަށް އެމެރިކާ ސަރުކާރަކުން ނުދެކެއެވެ.
މިގާނޫނު އޮބާމާ ތަސްދީގު ނުކުރައްވައިފިނަމަ މިއަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން މިގާނޫނު ފާސްކުރާނެ ކަމުގެ އިންޒާރު ސެނެޓްގެ ބައެއް މެންބަރުން އޮބާމާއަށް ވަނީ ދެއްވާފައެވެ. ސެނެޓްގެ އަޣްލަބިއްޔަތު އޮންނަނީ އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށެވެ. ސެނެޓްގެ ބޮޑު އަޣްލަބިއްޔަތަކުން މިގާނޫނު ފާސްކޮށްފިނަމަ އޮބާމާ ތަސްދީގު ނުކުރެއްވި ނަމަވެސް މިގާނޫނު އޮޓަމެޓިކުން ތަސްދީގުވެ އެ ގާނޫނަށް އަމަލުކުރަން އެމެރިކާގައި ފެށޭނެއެވެ. މިގާނޫނަށް އަމަލުކުރަން ފެށިއްޖެނަމަ ސެޕްޓެމްބަރު 11 ގެ ޙަމަލާތަކުގައި ސައޫދީ ސަރުކާރު ބައިވެރިވެފައިވާކަން ނުވަތަ ނޫންކަން ސާބިތު ކުރުމަށްޓަކައި އެމައްސަލަ އެމެރިކާގެ ކޯޓުތަކަށް ހުށަހެޅުމުގެ ގާނޫނީ ފުރްސަތުވެސް އެމެރިކާގެ ރައްޔިތުންނަށާ އަދި ގާނޫނީ ވަކީލުންނަށް ފަހިވެގެންދާނެއެވެ.
ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކުގައި ދައުވާ ނުކުރެވޭ ގޮތަށް ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް ގާނޫނީ ހިމާޔަތްދިނުން ނުވަތަ އިމުއުނިޓީ އެމެރިކާގައި އޮވެއެވެ. ނަމަވެސް މިގާނޫނަށް އަމަލުކުރަން ފެށިއްޖެ ހާލަތެއްގައި މިއިމުނިޓީ ނުވަތަ ގާނޫނީ ޙިމާޔަތުން ސައޫދީ އެއްކިބާވެގެންދާނެއެވެ. އަދި ސެޕްޓެމްބަރު 11 ގެ ޙަމަލާތަކާ ގުޅިގެން ސައޫދީ ސަރުކާރަކާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކަށް ޖިނާއީ ދައުވާ އުފުލުމުގެ ހައްގު އެމެރިކާގެ ރައްޔިތުންނަށާއި ގާނޫނީ ވަކީލުންނަށް ލިބިގެންދާނެއެވެ.
މިގާނޫނުގެ ޑްރާފްޓް މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާގެ ސެނެޓަށް ހުށަހެޅުމާއެކު ސައޫދީ ސަރުކާރުންވަނީ ރުޅިވެރިކަމާއެކު އެކަމާދެކޮޅަށް އަޑުއުފުލާފައެވެ. އަދި މިގާނޫނު ފާސްކޮށްފިނަމަ އެމެރިކާގައިވާ ސައޫދީ ގެ އެސެޓްތައް ފްރީޒްކޮށް އެމެރިކާގައިވާ ސައޫދީ ބައެއް އިންވެސްޓްމަންޓްތައް އެމެރިކާއިން ގެންދާނެކަމުގެ އިންޒާރު ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު އެމެރިކާ ސަރުކާރަށް ދެއްވާފައިވެއެވެ. އެމެރިކާގައި ސައޫދީ އަރަބިޔާގެ އެސެޓްތަކުގެ ގޮތުގައި 700 ވަރަކަށް ބިލިޔަން ޑޮލަރު ހުރިކަމަށްވެއެވެ.
މީގެތެރެއިން 116 ބިލިޔަން ޑޮލަރަކީ އެމެރިކާ ސަރުކާރުން ވިއްކާފައިވާ ޓްރެޜަރީ ބޮންޑްތައް ސައޫދީ ސަރުކާރުން ގަނެފައިވާ މިންވަރެވެ. އަނެއް 584 ބިލިޔަން ޑޮލަރަކީ އެމެރިކާގެ އެކި ސްޓޭޓްތަކުގައި ސައޫދީ ސަރުކާރުން ކޮށްފައިވާ އިންވެސްޓްމަންޓްތަކެވެ. ސެނެޓުން ފާސްކުރި ގާނޫނާ ގުޅިގެން މިފައިސާ އެމެރިކާއިން ގެންދިޔުމަށް ސައޫދީ ސަރުކާރުން ނިންމައިފިނަމަ އެމެރިކާއަށް އިގްތިސާދީ އިނދަނޖެހޭ ވަރުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެއެވެ. އެހެންކަމުން މިކަން ނުކުރުމަށް އެމެރިކާއިން ސައޫދީއަށް ބޮޑެތި ފިއްތުންތަކެއް ކުރާނެއެވެ.
އެމެރިކާއަކީ ސައޫދީ އަރަބިޔާގައި ވެރިކަންކުރާ ކިންގް އަބްދުލްއަޒީޒްގެ ދަރިކޮޅުގެ ޝާހީ ޚާންދާންގެ ވެރިކަން ދެމެހެއްޓުމަށާއި އެވެރިކަން ޙިމާޔަތް ކުރުމާބެހޭގޮތުން 1945 ވަނަ އަހަރު ސައޫދީ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ގައުމެކެވެ.
މިއެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވާފައިވަނީ އޭރުގެ އެމެރިކާގެ ރައީސް ފްރަންކްލިން ރޫޒަވެލްޓްއެވެ. ސައޫދީ ގެ ފަރާތުން ސޮއިކުރެއްވީ ސައޫދީ އަރަބިޔާގެ ނަމުގައި މިހާރު އުފައްދާފައިވާ ދައުލަތުގެ ބާނީ އަދި ސައޫދީ ޝާހީ އާއިލާގެ އެންމެ އިސްވެރިޔާ އަދި ސައޫދީ މިހާރުގެ ރަސްގެފާނުގެ ބައްޕާފުޅު ކިންގް އަބްދުލްއަޒީޒް އާލްސައޫދެވެ. އެމެރިކާގެ އަސްކަރީ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ކުއެންސީގައި އެދެބޭފުޅުން ސޮއިކުރެއްވި މިއެއްބަސްވުމުގެ ދަށުން ސައޫދީ ޝާހީ ވެރިކަން ދަމަހައްޓައި ޙިމާޔަތް ކުރުމުގެކަންތައް އަދިވެސް އެމެރިކާ ކުރިޔަށް ގެންދެއެވެ.
ސެޕްޓެމްބަރު 11 ގެ ޓެރަރިސްޓް ޙަމަލާތަކާއި ސައޫދީ ސަރުކާރާ ގުޅުވުމުގެ މަގްސަދުގައި އެމެރިކާގެ ސެނެޓުން މިއަދު ފާސްކުރި ގާނޫނާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާގައިވާ ސައޫދީ އެސެޓްތައް ވިއްކާލުމަށް ނޫނީ އެމެރިކާއިން ގެންދިޔުމަށް ސައޫދީން ނިންމައިފިނަމަ ސައޫދީ ޝާހީ ވެރިކަން ދަމަހައްޓައި ޙިމާޔަތް ކުރުމަށް މިދެންނެވި އެއްބަސްވުމުގައި އެމެރިކާ ވެފައިވާ ޖާމިނުވުމުން އެމެރިކާ އެއްފަރާތްވެދާނެތީ އެއީ ސައޫދީންނަށް ކުރަން ނުކެރޭނެކަމެއް ކަމަށް މުރާސިލުން ބުނެއެވެ. އެހެންކަމުން މިގާނޫނު ފާސްކުރުމުގައި އެމެރިކާގެ ބޭނުމަކީ ސެޕްޓެމްބަރު 11 ގެ ޙަމަލާތަކާ ގުޅުވައިގެން ސައޫދީން ބްލެކް މެއިލްކޮށް ސައޫދީންގެ އަތުން ގިނައަދަދެއްގެ ފައިސާތަކެއް ހޯދުންކަމަށް ބެލެވޭކަމަށް މިފަރާތްތަކުން ދެކެއެވެ.
އެމެރިކާގެ ސެނެޓުން ފާސްކުރި މިދެންނެވި ގާނޫނަށް އަމަލުކުރާގޮތަށް ހަމަޖެހިއްޖެނަމަ ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގައި ގެއްލުންލިބުނު އެމެރިކާމީހުންނަށް މާލީ ބަދަލުދިނުމުގެ ޒިންމާ އެމެރިކާގެ ކޯޓުތަކުގައި ސައޫދީ ސަރުކާރުން އުފުލަންޖެހޭނެއެވެ. ނަތީޖާއަކީ މިކަމުގެ ބަދަލެއްގެ ގޮތުގައި އެތަށް ބިލިޔަން ޑޮލަރެއްގެ ބަދަލު ސައޫދީގެ ކިބައިން ހޯދުމުގެ ދައުވާ އެމެރިކާގެ އެތަށް ސަތޭކަ ބަޔަކު އެމެރިކާގެ ކޯޓުތަކަށް ހުށަހެޅުމެވެ. މި ގާނޫނު ސެނެޓުން ފާސްކުރުމާއެކު އެމެރިކާގެ މަކަރުވެރިކަން ސައޫދީ ންނަށް އެނގި ސައުދީން މިހާތަނަށް އެމެރިކާއަށް ކުރަމުން އައިއިތުބާރު ވަރަށް ބޮޑަށް ގެއްލިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)