ބެއިޖިން، ޗައިނާ-- ގިނަ ބައެއްގެ ތެރެއަށް މަޝްހޫރުވެގެންދިޔަ، "ރެސިޑެންޓް އިވިލް" އާއި "ޓޮމްބް ރެއިޑާ" އަދި "މޯޓަލް ކޮމްބެޓް" ފަދަ ފިލްމުތަކަކީ މަޝްހޫރުކަން ހޯދާފައިވާ ކޮމްޕިއުޓަރު ގޭމްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކެވެ.

މިހާރު މި ވަނީ، 1980 އިގެ ތެރެއަށް މަޝްހޫރުވެގެންދިޔަ ވީޑިއޯ ގޭމެއް ކަމަށްވާ "ޓެޓްރިސް" ގެ މައްޗަށް ސައިންސް ފިކްޝަން ޓްރިލާ ފިލްމެއް އުފައްދަން ޗައިނާ-އެމެރިކާ ފިލްމު އުފައްދާ ސްޓޫޑިއޯއަކުން ނިންމާފައިވާ ކަމުގެ ހަބަރުތަކެއް ފެންމަތިވެފައެވެ.

ޓެޓްރިސްގެ ފިލްމެއް އެންމެ ފުރަތަމަ އުފައްދަން އިއުލާންކުރީ 2014 ވަނަ އަހަރު، ތްރެސްހޯލްޑް އެންޓަޓައިންމަންޓުންނެވެ.

ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓަކީ ޗައިނީސް އެންޓަޓައިންމަންޓް އިންވެސްޓަރެއް ކަމަށްވާ، ބުރޫނޯ ވޫގެ ސެވެން ސްޓާ ވޯކްސް އާއި ޕްރޮޑިއުސަރު ލެރީ ކަސަނޯފްގެ ތްރެސްހޯލްޑް އެންޓަޓައިންމަންޓް ގްރޫޕުން ގުޅިގެން ޖޮއިންޓް ވެންޗާއެއްގެ ދަށުން އުފައްދާފައިވާ ތްރެސްހޯލްޑް ގުލޯބަލް ސްޓޫޑިއޯ ނަމަކަށް ކިޔާ ސްޓޫޑިއޯ އިން އުފައްދާ ފުރަތަމަ ފިލްމެވެ.

"ޖޮއިންޓް ވެންޗާގެ ދަށުން ދުނިޔޭގެ މާކެޓަށް ޗައިނާ އަދި އެމެރިކާގެ ސަގާފަތް ގެނެސްދެވޭނެ،" ތްރެސްހޯލްޑް ގުލޯބަލް ސުޓޫޑިއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކަސަނޯޗް ބުނެފައި ވަނީ، 32 އަހަރުވެފައިވާ ވީޑިއޯ ގޭމް، "ޓެޓްރިސް" އަކީ އެ ސްޓެރަޖީގެ ދަށުން އުފައްދަން އެންމެ ރަނގަޅު ޕްރޮޖެކްޓު ކަމަށެވެ.

ފިލްމަށްދީފައިވާ ނަން އަދި ހާމަކޮށްފައިވާ ނުވާ އެ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. އަދި ފިލްމުގެ މަންޒަރުތައް ޗައިނާގައި ނެގުމަށް ނިންމާފައިވާއިރު، ޗައިނާގެ އެކްޓަރުން ފިލްމުން ފެނިގެންދާނެ ކަމަށް ތްރެސްހޯލްޑް ގުލޯބަލް ސްޓޫޑިއޯ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.