18 May 2016, 20:09
އުރީދޫ ދިވެހި ޕްރިމިއާ ލީގަށް މި ސީޒަނުގައި އަލަށް ކޮލިފައިވި ޔުނައިޓެޑް ވިކްޓްރީ އާއި މިދިޔަ ސީޒަނުގެ ދެ ވަނަ މާގާމު ހޯދި ޓީސީ ސްޕޯޓްސް ކުލަބު ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރުވެގެން ނިމެއްޖެ އެވެ.
މެޗު ފެށިގެން ދެ ވަނަ މިނެޓުގައި ޓީސީގެ އަލީ ފާސިރު (ސެންޓޭ) އަށް ޔުނައިޓެޑް ވިކްޓްރީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމްގް ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެންލްޓީ ސެންޓޭ ގޯލުގެ ތެރެއަށް ވައްދާލައިގެން ޓީސީން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ.
ޓީސީގެ އެ ގޯލަށް ފަހު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ 29 ވަނަ މިނެޓުގައި ސެންޓޭ އަށް ވަނީ ޓީސގެ ލީޑު އިތުރަށް ފުޅާ ކުރުމަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ހަސަން ނާއިޒް (ދާދު) ނަގައިދިން ރީތި ހުރުހެއް ސެންޓޭ ފޮނުވާލި ނަމަވެސް ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު އެ ބޯޅަ ދިފާއު ކޮށްފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ޓީސީ ސްޕޯޓްސް ކުލަބް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން--- ސަން ފޮޓޯ: މުހަންމަދު އަފްރާހް
ފުރަތަމަ ހާފު ނިމެން ދަނިކޮށް ވެހެން ފެށި ބޯ ވާރޭ ތެރޭގައި ކުޅެނު މެޗުގައި ޔުނައިޓެޑް ވިކްޓްރީއަށް ނަތީޖާ އެއްވަރު ކޮށްދިން ގޯލު 33 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބު ކޮށްދިނީ ޓީސީން މި ސީޒަނަށް ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވި ސްޕެއިން ފޯވާޑް ރަފެއިލް ބެޓިން މާޓް އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ޕެނަލްޓީ ލިބުނީ އެ ޓީމުން ނެގި ކޯނަރެއްގައި އައި ބޯޅަ ޓީސީގެ ޑިފެންޑަރު އަހުމަދު އަބްދުﷲ(ލިލީ)ގެ އަތުގައި ޖެހުމުންނެވެ.
ދެވަނަ ހާފް ފެށިގެން ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ފޯވާޑް ކެރިކް އެންދުރިޖް އަށް އެޓީމަށް ލީޑް ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބުނުއިރު ގޯލު އޭރިއާތެރޭގައި ހުރެ އޭނާ ފިނުވާލި ބޯޅަ ޓީސީގެ ކުޅުންތެރިއެއްގެ ގައިގަ ޖެހި ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފުގައި ނަތީޖާ ބަދަކޮށްލަން އެންމެ ހުސް ފުރުސަތެއް ލިބިގެން ދިޔައީ ޓީސީގެ ފޯވާޑް އަހުމަދު ޒިޔާން މުހައްމަދުއަށެވެ. ޔުނައިޓެޑް ވިކްޓްރީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ދާދު ނަގައިދިން ހުރަސް ހުސްކޮށް ހުރި ޒިޔާން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާއި އަމާޒް ނުވެ ބޭރަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ޓީސީ ސްޕޯޓްސް ކުލަބް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން--- ސަން ފޮޓޯ: މުހަންމަދު އަފްރާހް
ޓީސީން ނަގާލި ހުސް ފުރުސަތަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން ހުސައިން ސިމާޒް(ކޮކީ) އަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޓީސީގެ ޕެންލްޓީ އޭރިއާ ތެރޭގައި ހުރި ޔުނައިޓެޑް ވިކްޓްރީގެ ރަފޭލް އާއި ކެރިކް ދެ ފަހަރު މަތިން ފޮނުވާލި ބޯޅަ ބޮލޮކް ވެގެން ލިބުނީ ހުސްކޮށް ކުރި ކޮކީ އަށެވެ. ނަމަވެސް ކޮކީ ފޮނުވާލި ބޯލަ ޓީސީގެ ކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާއު ކޮށްފަ އެވެ.
އެ ނަތީޖާގައި އޮވެ މެޗު ނިމުނުއިރު ލިބުނު އެއް ޕޮއިންޓާއެކު ޓީސީން ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ވެލެންސިއާ ފަހަތަށް ޖައްސާލުމަށް ފަހު ތާވަލުގެ ތިން ވަނައަށް ޖެހިލާފަ އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ވެސް ހަތަރު ޕޮއިންޓް ލިބޭއިރު ފައިދާ ގޯލުގެ ތަފާތުން އެ ޓީމަށް ލިބެނީ ތާވަލުގެ ފަސް ވަނައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ޓީސީ ސްޕޯޓްސް ކުލަބް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން--- ސަން ފޮޓޯ: މުހަންމަދު އަފްރާހް
ލީގުގައި މިރޭ ކުޅެ މެޗުގައި ތިން ޕޮއިންޓާއި އެކު ތާވަލުގެ ހަ ވަނާގައި އޮތް ނިއުރޭޑިއަންޓް ނުކުންނާނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ތާވަލުގެ ހަތް ވަނާގައި އޮތް ބީޖީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށް ނިއު ރޭޑިއަންޓަށް ތާވަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހެލުމުގެ ފުރުސަތު އޮންނާނެވެ.