18 May 2016, 19:45
ބޮޑުތަކުރުފާނުމަގު، ނަސަންދުރާ ސަރަހައްދު އެއާޕޯޓް ފެރީގެ ޓެކްސީ ކިޔުގައި ޕިކަޕު މަޑުކުރުން މަނާކޮށް، އެ ސަރަހައްދުގައި ޕިކަޕްތައް ބާއްވައިގެން ތަކެތި އަރުވައި ބޭލުން ޓްރާސްޕޯޓް އޮތޯރިޓީން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް "ސަން"އަށް މިރޭ ވިދާޅުވީ އެއާޕޯޓް ފެރީ ލަފައިފުރާ ދިމާލުގައި ހަދާފައި އޮންނަ ޓެކްސީ ކިޔޫގައި ގަވާއިދާ ހިލާފަށް ޕިކަޕްތައް އޮތުމުގެ ސަބަބުން ޓެކްސީ ކިޔު ތަރުތީބު ކުރުމުގައި ދަތިވަމުންދާ ކަމުގެ ޝަކުވާތަކެއް ހުށަހެޅި، އެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.
އެގޮތުން، ޓެކްސީ ކިޔޫގައި ޕިކަޕް ބާއްވައިގެން ތަކެތި އަރުވައި ބާލާނަމަ އެކަމަށް ފިޔަވަޅު އަޅައިދިނުމަށް ޓުރެފިކް ޕޮލިހަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓް ފެރީ ލަފާކުރާ ދިމާލުގައި އޮންނަ ޓެކްސީ ކިޔޫގައި ޕްރައިވެޓް ކާރުތައް އޮތުމަކީ ވެސް މަނާ ކަމެއް ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުނެއެވެ.
"މިއީ އަލަށްކުރި އިއުލާނެއް ނޫން. މީގެ ކުރިން ވެސް އެތަން ތަރުތީބު ކުރުމަށް ދަތިތަކެއްވެ، މައްސަލަ ބޮޑުވުމުގެ ސަބަބުން ޓްރެފިކް ޕޮލިހުން އެ ސަރަހައްދު ދޭތެރެ ދޭތެރެއިން ތަރުތީބު ކުރަންޖެހޭ. މިއަދު ޓެކްސީ ކިޔުގައި ޓެކްސީގެ ބަދަލުގައި މި ފެންނަނީ ޕިކަޕް، އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި،" ނާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސީ ކިޔުއަށް ނާރައި، އެ ސަރަހައްދުގެ ހުސް ތަންކޮޅެއްގައި ޕިކަޕެއް ބާއްވައިގެން އެޔަށް ތަކެތި އަރުވައި ބާލައި ހެދޭނެ ކަމަށެވެ. ނަމަވެސް، މަގުގައި ދުއްވާ ތަކެއްޗަށް ދަތިވާ ގޮތަށް އެކަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ހުޅުލޭ ފެރީ ލަފާފުރާ ސަރަހައްދުގައި ޕިކަޕްތަކަށާއި ކާރުތަކަށް އެއްކޮށް ޖާގަ ދެވޭކަށް ނެތް. އަދި އެއީ ހައްލެއް ވެސް ނޫން. ހައްލަކީ އެ ސަރަހައްދުގައި ލަގޭޖް ތަކާއި ފަސިންޖަރުންގެ އިތުރުން ޕިކަޕް އަދި ކާރު ފަދަ ތަކެތި ހާސްކަމެއް ނެތި ބާއްވާލެވޭނެ ރަނގަޅު ޓާމިނަލެއް ހެދުން،" ނާފިޒް ވިދާޅުވި އެވެ.