އަންނަ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ މެންދަމު 3:00 އާ ހަމައަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރޯދަ މަހުގެ ރޭތަކާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރެންޓް އަދި ކެންޓީނު ފަދަ ތަންތަން ކެއިންބުއިމުގެ ހިދުމަތްދިނުމަށް ހުޅުވާފައި ބަހައްޓަން ވާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސުމާ ހަމައިން ފެށިގެން މެންދަމު 3:00 އާ ދެމެދުގައި ކަމަށެވެ.

މިދިއަ މިއަހަރުގެ ރޯދަ މަހު ކެފޭތަކާއި ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައި ވަނީ މެންދަމު 2 ޖެހުމާ ހަމައަށެވެ.

ނަމަވެސް މިއަހަރު ކެފޭތަކާއި ރެސްޓޯރަންޓުތައް ބަންދުކުރުން މެންދަމު 3:00 އަށް ހަމަޖައްސާފައިވާއިރު، ފުޓްބޯޅައިގެ އީދެއް ކަމަށްވާ ޔޫރޯ އަންނަ މަހު ފަށާނެ އެވެ. އެ މުބާރާތުގެ މެޗުތައް ކުޅޭ ވަގުތަކީ ރާއްޖެއަށް ރޭގަނޑުގެ ވަގުތެވެ. އަންނަ މަހު 10 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މިއަހަރުގެ ރޯދަ މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 11:00 ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ރޯދަ މަސް ފިޔަވައި އެހެން ދުވަސްތަކުގައި ކެފޭ ރެސްޓޯރަންޓު ބަންދުކުރަނީ ދަންވަރު 12:00ގަ އެވެ. އަދި ފިހާރަތައް ބަންދު ކުރަނީ ރޭގަނޑު 10:00 ޖަހާއިރު އެވެ.

ރޯދަ މަސް ފިޔަވައި އެހެން ދުވަސްތަކުގައި ކެފޭތަކާއި ފިހާރަތައް ބަންދުކުރާ ވަގުތު އަވަސް ކުރަން ބާރު އަޅަން ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 ވަނަ އަހަރު އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސައުވީސް ގަޑިއިރަށް ކެފޭތަކާއި ފިހާރަތަށް ހުޅުވަން ދިން ހުއްދަ ބާތިލް ކުރީ ވަހީދުގެ ވެރިކަމުގަ އެވެ.

ކެފޭތަކާއި ފިހާރަތައް ބަންދުކުރާ ވަގުތު 2012 ވަނަ އަހަރު އަވަސްކުރީ، އެތަންތަން ހުޅުވާފައި ހުރުމުން ދަންވަރު ހޭލާ އުޅޭ ޒުވާނުން އިތުރުވެ، ކުށް ކުރުން އިތުރުވެގެންދާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފިހާރަތައް ބަންދު ކުރާ ގަޑިތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ދަންވަރު 1:00ގައި ބަންދުކުރާ ކެފޭތައް ދަންވަރު 12:00ގައި ބަންދުކުރަން ޖެހޭ ގޮތަށް ބަދަލުކޮށްފައިވެ އެވެ. އަދި ފިހާރަތައް ބަންދު ކުރާ ގަޑި 10:00 އަށް އަވަސްކޮށްފައިވެ އެވެ.