18 May 2016, 18:13
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ ފުޓްބޯޅަ ކްލަބުން އެ ޓީމުގެ މިހާރުގެ ކިޓް ސްޕޮންސާ އެޑިޑާސްއާއެކު ވެފައިވާ އެއްބަސްވުން އުވާލައި، ނައިކީ ކުންފުންޏާއެކު އަގުބޮޑު އެއްބަސްވުމަކަށް ދިއުމަށް ތައްޔާރުވެއްޖެ އެވެ.
މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން ކިޓް ސްޕޮންސާ އެއްބަސްވުމެއް ނައިކީ ކުންފުންޏާއެކު ޗެލްސީ ހަދަނީ އެޑިޑާސްއާއެކުވެފައިވާ އެއްބަސްވުމަށްވުރެ ދެ ގުނަ އަޑުބޮޑުކޮށެވެ. އެޑިޑާސްއާއެކު ޗެލްސީން މިހާރު ހަދާފައި ވަނީ އަހަރަކު 30 މިލިއަން ޕައުންޑުގެ އެއްބަސްވުމެކެވެ.
މި ސީޒަންގެ ކުރީ ކޮޅުގައި ނެރުނު ދަށް ނަތީޖާތަކާއެކު ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގަށް ޗެލްސީ ކޮލިފައި ނުވި ނަމަވެސް ނައިކީއާއެކު ވުމަށް ތައްޔާރުވެފައިވާ، އަހަރަކު 60 މިލިއަން ޕައުންޑުގެ ކިޓް ސްޕޮންސާޝިޕް އެއްބަސްވުމާއެކު ކުރިއަށް އޮތް ޓްރާންސްފާގައި ރަނގަޅު ޑީލްތަކެއް ޗެލްސީއަށް ނިންމާލެވޭނެއެވެ.
ޗެލްސީގެ މަސްދަރުތަކާ ހަވާލާދީ ޓެލެގްރާފްގައި ބުނެފައި ވަނީ، ނައިކީ އިން ހުށަހަޅާފައިވާ އަގުބޮޑު ޑިލާއެކު، ޗެލްސީން އެޑިޑާސްއާއެކު ވެފައިވާ އެއްބަސްވުން އަންނަ ސީޒަންގައި ނިމުމަކަށް ގެންނާނެ ކަމަށެވެ.
އެޑިޑާސް އާއި ޗެލްސީއާ ދެމެދު ވެފައިވާ ކިޓް ސްޕޮންސަރޝިޕް އެއްބަވުމުގެ މުއްދަތު ހަމަވާން ބާކީ ހަ އަހަރު އޮތް އިރު، ޗެލްސީން އެ އެއްބަސްވުން އުވާލުމަށްޓަކައި 40 މިލިއަން ޕައުންޑުގެ ބަދަލެއް އެޑިޑާސްއަށް ދޭންޖެހޭނެ އެވެ. އެވަރުގެ ބޮޑު ބަދަލެއް ދީފައިވެސް ޗެލްސީއަށް އެންމެ ފައިދާ ބޮޑުވާނީ، ނައިކީއާއެކު ކުރިއަށް ދިއުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނައިކީއާއެކު ޗެލްސީން ހަދާ ޑީލާއެކު އެ ކްލަބު ވެގެންދާނީ، ކިޓްސްޕޮންސަޝިޕުން ޔޫރަޕްގައި ދެވަނައަށް އެންމެ ބޮޑު ފައިދާ ލިބޭ ކްލަބަށެވެ. މިހާރު އެންމެ ބޮޑު ފައިދާއެއް ލިބެނީ، މެންޗެސްޓާ ޔުނައިޓެޑަށެވެ. އެޑިޑާސްއާއެކު ޔުނައިޓެޑުން ހަދާފައިވާ ޑީލްގެ ދަށުން އެ ކްލަބަށް އަހަރަކު 75 މިލިއަން ޕައުންޑު ލިބެއެވެ.
ޕްރިމިއަރ ލީގަށް ބަލާއިރު، ނައިކީއާއެކު ޗެލްސީ އެކުލަވައިލާ އެއްބަސްވުމަކީ، އާސެނަލް އަށް ޕޫމާއިން ލިބޭ އަދަދަށް ވުރެ ދެގުނަ ބޮޑު، އަދި މެންޗެސްޓާ ސިޓީއަށް ނައިކީން މިހާރު ދޭ ވަރަށްވުރެ ތިން ގުނަ ބޮޑު އަދަދެކެވެ.
ނައިކީއާއެކު ވެފައިވާ ސްޕޮންސާޝިޕް އެއްބަސްވުމާ ގުޅޭ ގޮތުން ޗެލްސީން ރަސްމީ ގޮތުން ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.
ޗެލްސީގެ ކިޓް ސްޕޮންސާޝިޕްގެ އަގު ދެގުނައަށް ބޮޑުވުމުން އެ ކްލަބަށް މިހާރު ލިބޭ އަދަދަށްވުރެ އަހަރަކު 30 މިލިއަން ޕައުންޑް އިތުރުވުމުން، ޔުއެފާ ފައިނޭންޝަލް ފެއާޕްލޭ މިންގަނޑުގެ ތެރޭގައި އެ ކްލަބަށް ސްކޮޑް ވަރުގަދަކުރާން އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެއެވެ.