18 May 2016, 16:33
އުމުރުން ދުވަސްވުމަކީ ދުޅަހެޔޮކޮށް ހުރުމަށް ހުރަސްއެޅޭ ކަމެއް ނޫނެވެ. ނޫނީ ދުޅަހެޔޮކޮށް ހުންނަން މަސައްކަތް ކުރަންޖެހޭނީ ހަމައެކަނި އުމުރުން ދުވަސްވުމަކުން ނޫނެވެ. އެންމެ ޅަފުރާއިން ފެށިގެން ގޮސް، ދޮށީ އުމުރަށް އަޅަންދެން އަހަރެމެންގެ ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކަކީ ޞިއްޙަތާ ރަހުމަތްތެރި، ރަނގަޅު އާދަތަކަކަށް ވުމަކީ މުހިއްމު ކަމެކެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި، އަދި އާއިލާގެ އެހެން މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.
ދުޅަހެޔޮކަންމަތީ ހުރުމަށް ކުރެވިދާނެ ކަންތައްތައް
ހަށިގަނޑު ދުޅަހެޔޮކަން އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ އަދި ސަމާލުވާންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމާއި، ދުންފަތުގެ ދުމަށް ހުށަހެޅުމުން ރައްކާތެރިވެ ހުރުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ގުނާ އަދަދު ނުކުރެވޭހާ ގިނަ ތަފާތު ޞިއްޙީ މައްސަލަތަކަށް މަގުފަހިވާ ކަންކަމަށް ވީހިނދު މިފަދަ ނޭދެވޭ އާދަތަކުން ދުރުހެލިވެ، ރައްކާތެރިވެ ތިބުމަކީ ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.
ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކޮށް، ކަސްރަތުކުރުމަކީ ވެސް ދުޅަހެޔޮކަން މަތީ ހުރުމަށް ބޭނުންތެރި ކަމެކެވެ. ހެލިފެލިކަން އިތުރުކޮށް، ގަވާއިދުން ކަސްރަތުކުރުމަކީ ހަށިގަނޑުގެ ބަރުދަން އެކަށޭނަ މިންވަރެއްގައި ބެހެއްޓުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. ޑޮކްޓަރަށް ދައްކައިގެން، ބަރުދަން މާބަރުނަމަ، އެކަށޭނަ މިންވަރަކަށް ބަރުދަން ލުއިކުރެވޭތޯ މަސައްކަތް ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެކަށޭނަ ވަރެއްގައި ހަށިގަނޑުގެ ބަރުދަން ހުރިނަމަ ބޮޑީ މާސް އިންޑެކްސް (މީހެއްގެ އިސްކޮޅާއި ގުޅޭގޮތުން ބަރުދަން ހުންނަޖެހޭ މިންގަނޑު) ހުންނާނީ 24.9-18.5 ދެމެދުގައެވެ. ބޮޑީ މާސް އިންޑެކްސް ދެނެގަތުމަށްފަހު އެމީހެއްގެ ބަރުދަން ހުރުން އެންމެ އެދެވިގެން މިންވަރު ބެލިދާނެއެވެ. އަދި އެމީހެއްގެ ބަރުދަން އެމިނަށްވުރެ މަތިނަމަ، މަސައްކަތްކޮށްގެން، ބަރުދަން އެމިނަށް ތިރިކުރުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ. ހަށިގަނޑަށް ފައިދާހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެކަށޭނަ ވަރަކަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމާއި، ކެއިން ބުއިން ޚިޔާރު ކުރުމުގައި ހަކުރާއި، ތެލާއި، ލޮނުގެ ބައި މަދުން ހިމެނޭ ކާބޯތަކެތީގެ ބާވަތްތައް ޚިޔާރުކުރުން ބުއްދިވެރި އެވެ.
އުމުރުން ދުވަސްވުމަކީ ގައިންގަޔަށްނާރާ ބަލިތައް ފަދަ ތަފާތު ޞިއްހީ މައްސަލަތައް ފެންމަތިވެގެން އަންނަ ކަމަކަށްވުމުން، އުމުރުގެ ފަހުކޮޅަށް އެޅުމުން (މިސާލަކަށް 40 އަހަރުން މަތިވުމުން) ޑޮކްޓަރަށް ދައްކައިގެން މިފަދަ ބަލިތައް ހުރިތޯ ބެލުމަކީ މުހިއްމު ކަމެކެވެ. ދުރާލާ މިފަދަ ބަލިތައް ދެނެގަތުމަކީ ބަލިތަކުގެ ސަބަބުން ދިމާވާ ނުރައްކާތައް ކުޑަކުރެވި، ބައްޔާއެކު ވެސް އުފާވެރި ދިރިއުޅުމެއް ހޭދަކުރުމަށް މަގުފަހިވާނެ ކަމެކެވެ. އުމުރުން ދުވަސްވާއިރު ގައިންގަޔަށް ނާރާބަލިތަކުގެތެރެއިން އެއްވެސް ބައްޔެއް ހުރިނަމަ، ޑޮކްޓަރުން ދީފައިވާ ބޭސްތައް ގަވާޢިދުން ބޭނުންކުރުމާއި، ގަވާއިދުން އޮންނަ އުސޫލުގެ މަތިން ޑޮކްޓަރަށް ދެއްކުމާއި، ހަދަންޖެހޭ ޓެސްޓުތައް ހަދަމުން ގެންދިއުމަކީ ވެސް އުމުރުގެ ބާކީ އޮތް ދުވަސްތައް ދުޅަހެޔޮކަމާއެކު ހޭދަކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ފިކުރުތަކުން ދުރުހެލިވުމާއި، ބޭކާރު ވިސްނުންތަކުން އެއްކިބާވެ ހުރުމާއި، އާއިލާ މެންބަރުންނާއި، ރަހުމަތްތެރިންގެ މެދުގައި އޮންނަ ގުޅުންތައް ރަނގަޅުވުމަކީ މީހެއްގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ބާރު ލިއްބައިދޭނެ ކަންތައްތަކެވެ.
ދަތްތަކާއި އަނގައިގެ ދުޅަހެޔޮކަން އިތުރުކުރުމަށް ސަމާލުކަން ދިނުމާއި، ހަމުގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމާއި، އަމިއްލަ ސާފުތާހިރުކަމަށް އިސްކަން ދިނުމާއި، ޞިއްޙީ ގޮތުން ރަނގަޅު އާދަކާދަތައް ފަރިތަކުރުމާއި، ދިރިއުޅޭ ގެޔާގޯތި ގެދޮރުގެ ސާފުތާހިރުކަމަށް ރައްކާތެރިވުމަކީ ވެސް ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމަށް އެވެށީގައި ދިރިއުޅޭ އަހުލުވެރިންގެ ފުށުން ފެންނަންޖެހޭނެ މުހިއްމު ސިފަތަކެވެ.
އުމުރުންދުވަސްވީމީހުންނާއެކުވަގުތުތައްހޭދަކުރުމާއި، އެމީހުންގެ އިހުސާސްތައް އަހައި އޮޅުންފިލުވުމާއި، އާއިލާގެ ކަންކަމުގައި އެމީހުން ލަފަޔާ، އިރުޝާދުތައް ހޯދުމާއި، އެކިއެކި ކަންކަން އެމީހުންނާއި ހިއްސާކުރުމާއި، އެމީހުންނަށް އެކަނިވެރިކަން އިހުސާސްވިޔަ ނުދިނުމާއި، އެމީހުންގެ ގާތުގައި ތިބެގެން ގުރުއާން ކިޔެވުމާއި، އެމީހުންނަކީ ވެސް އާއިލާގެ މެންބަރުންގެ އިހުތިރާމާއި ގަދަރު އަދިވެސް ލިބިގެންވާ ބައެއްކަން އެމީހުންނަށް އިހުސާސް ކޮށްދިނުމަކީ އުމުރުން ދުވަސްވީ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ބިނާކޮށްދެވޭނެ ހެޔޮ ފާލަމެކެވެ.
ދޮށީ އުމުރުގެ ބަލިމީހުން ބެލެހެއްޓުމުގައި ސަމާލުވާންޖެހޭ ކަންތައްތައް
އުމުރުން ދުވަސްވީ، ނޫނީ ދޮށީ އުމުރުގެ މީހަކު ބެލުމަކީ ކުޑަ ޒިންމާ އެއް ނޫނެވެ. މައިންބަފައިންގެ އުމުރުން ދުވަސްވެ، ލޯބޯކޮށިވެ، ބަލި ހާލަތަށް ދިއުމުން އެމީހުން ބެލުމުގެ ޒިންމާ އަކީ އާއިލާގެ ކޮންމެ މެންބަރެއްގެ ބޮލުގައި އެޅިފައިވާ ވަރަށް މުހިއްމު ޒިންމާ އެކެވެ. އެހެންކަމުން ދޮށީ އުމުރުގެ ބަލިމީހުން ބެލެހެއްޓުމުގައި ސަމާލުވާންޖެހޭ ކަންތައްތައް އެނގި، ދަސްވެފައި ހުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ދޮށީ އުމުރަށް ދިއުމުން ބައެއް ފަހަރު ބައެއް މީހުންނަށް ދިމާވާ ޞިއްޙީ ހާލަތެއްގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށް ނުކުޅެދި، އެއްކޮށް އެދުމަތިވާ ފަހަރު އާދެއެވެ. މިފަދަ ހާލަތެއްގައި އޮންނަ މީހަކު ބެލެހެއްޓުމުގައި ސަމާލުވާންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ކޮންމެ 2 ގަޑިއިރަކުން އެއް ފަހަރު ބަލިމީހާ އޮންނަގޮތް ބަދަލުކުރުމެވެ. ގިނަ ފަހަރު އުމުރުން ދުވަސްވީ ބަލިމީހާއަށް މިކަން އަމިއްލައަށް ނުކުރެވޭނެތީ، މިކަން ފުރިހަމަކޮށްދޭންޖެހޭނީ އޭނާ ބެލެހެއްޓުމުގައި މަޝްޣޫލުވެ އުޅޭ އާއިލާގެ މެންބަރެކެވެ. ބަލިމީހާ އޮންނަ ގޮތް ބަދަލުކުރުމުން، ހަށިގަނޑުގެ ލޭދައުރުވުން ރަނގަޅުވެ، ތަންފާރު ވުމުން ރައްކާތެރިކޮށްދެއެވެ. މިފަދަ ބަލިމީހަކު ބޭއްވުން އެންމެ ރަނގަޅީ ވައިޖަހާ ފުއްޕާފައިވާ، ނޫނީ ފެންއަޅައި، ފުއްޕާފައިވާ ގޮދަނޑިއެއްގައެވެ. އެއީ މިފަދަ ގޮދަނޑީގައި ބޭއްވުމުން ތަންފާރު ހެދުމުގެ ފުރުޞަތު ކުޑަވާނެތީ އެވެ.
އެދުމަތިވެފައިވާ ބަލިމީހަކަށް ފިޒިއޮތެރަޕީ ދިނުމާއި، އަމިއްލައަށް އެދުގައި އޮވެގެން ކުރެވޭނެ ހަރަކާތްތައް ކުރުމަށް ހިތްވަރުދީ އެކަމަށް ބާރުއަޅައި، އެހީތެރިވުމަކީ މުހިއްމު ކަމެކެވެ. ކޮންމެ ފަހަރަކު ފިޒިއޮތެރަޕީ ދިނުމަށް ގެޔަށް އެކަމުގެ ފަންނުވެރިއަކު ގެނައުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ފިޒިއޮތެރަޕީ ހަދަންޖެހޭގޮތް އާއިލާގެ މެންބަރުން ދަސްކޮށް، ގޭގައި ބަލިމީހާއަށް ބޭނުންވާ ފިޒިއޮތެރަޕީ ކޮންމެ ދުވަހަކު ފޯރުކޮށްދިނުމަކީ ބަލިމީހާއަށް ލިބިގެންދާނޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އުމުރުން ދުވަސްވީ ބަލިމީހާހިތްހަމަޖެހޭފަދަ،ހިތްފަސޭހަވައިބަދަލުވާ ފަދަ ގޮތަކަށް ބައްޓަން ކުރެވިފައިވާ މާހައުލެއްގައި ބަލިމީހާ ބޭއްވުމަކީ މުހިއްމު ކަމެކެވެ. މިފަދަ މާހައުލަކީ ރޭގަނޑުފަނޑުކޮށް،ދުވާލު އަލިކޮށް އޮންނަ މާހައުލަކަށްވުން މުހިއްމެވެ. ބަލިމީހާގެ ސާފުތާހިރުކަމަށް އިސްކަން ދިނުމުގެ ގޮތުން ބަލިމީހާ އޮންނަ ތަނާއި، އެނދު ސާފުކުރުމާއި، ކޮންމެ ދުވަހަކު ދަތް އުގުޅުވައި، ފެންވަރުވައި ސާފުކުރުމާއި، ނެޕީ ގައި އޮންނަނަމަ، ނެޕީ ފޯވަންދެން ނުބާއްވައި، ނެޕީ ބަދަލުކުރުން ފަދަ ކަންކަމަކީ ވެސް ބަލިމީހާގެ ހިތްހަމަޖެހުން އިތުރުވެގެންދާނޭ ކަންކަމެވެ.
ދޮށީ އުމުރުގެ ބަލި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ކުޑަކަމުދިއުމަށް ހޮޅި ލައްވާފައި ތިބޭ މީހުންނެވެ. ނޫނީ ކެއުމަށްޓަކައި ހޮޅި ލައްވާފައި ތިބޭ މީހުންނެވެ. ކުޑަކަމުދިއުމަށް ލައްވާފައިވާ ހޮޅިއާއި، ކާންދިނުމަށް ލައްވާ ހޮޅި މަދުވެގެން މަހަކު އެއްފަހަރު ބަދަލުކުރުމަކީ މުހިއްމު ކަމެކެވެ. ކުޑަކަމުދާ ހޮޅި ލައްވާފައިވާނަމަ، ކުޑަކަމުދާ ނަޖިސް ޖަމާވުމަށް ގުޅާފައިވާ ކޮތަޅު ސާފުކޮށް ހަދާނޭގޮތް ޞިއްޙީ އެހީތެރިންގެ ކިބައިން ހޯދައި ދަސްކުރުން މުހިއްމެވެ. ހޮޅިން ކާންދޭނަމަ، ސަމާލުވާންޖެހޭ ކަންތައްތައް ވެސް ޞިއްޙީ އެހީތެރިންގެ ކިބައި އަހައި އޮޅުން ފިލުވުމަކީ ބޭނުންތެރި ކަމެކެވެ. އެގޮތުން ކޮންމެ ހޮޅިން ކާންދޭނެ މިންވަރާއި، ބޭސް ދޭނެގޮތް ފަދަ ކަންތައްތައް ބެލެހެއްޓުން ތެރިންނަށް އެނގި ދަސްވެފައި ހުރުމަކީ ބޭނުންތެރި ކަމެކެވެ. ދޮށީ އުމުރުގެ މީހުންގެ ތެރެއިން އެދުމަތިވެފައިވާ މީހުންގެ ތެރޭގައި ވަރަށް ގިނަ ފަހަރު ތަންފާރު ހެދިފައި ހުންނަ މީހުން ތިބެއެވެ. މިފަދަ މީހުންގެ ބެލެހެއްޓުންތެރިން ފާރުގަނޑު ސާފުކުރާނެގޮތް ދަސްކުރެވިދާނެއެވެ. އަދި ގޭގައި އަމިއްލައަށް ފާރުގަނޑު ސާފުކޮށް ބޭސް އެޅުން ކުރިޔަށް ގެންދެވިދާނެއެވެ. ނަމަވެސް ބޮޑަށް އެދެވިގެންވަނީ ޞިއްޙީ އެހީތެރިންގެ އެހީގައި އޮންނަ އުސޫލުގެ ދަށުން ބޭސް އެޅުމާއި، ފާރުގަނޑު ސާފުކުރުން ފަދަ ކަންތައްތައް ކުރިޔަށް ގެންދިއުމެވެ.
މިފަދަ ބަލިމީހުންނަށް ކާންދިނުމުގައި ކާނާގެހުރިހާބާވަތެއްހިމެނޭގޮތަށްހަމަހަމަދުޅަހެޔޮ، ފައިދާހުރި ކެއުންތައް ތައްޔާރުކޮށްފައި ދިނުމަކީ މުހިއްމު ކަމެކެވެ. ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެކަށޭނަ މިންވަރަކަށް މިފަދަ މީހުންގެ ކެއުމުގައި ހިމެނުމަކީ މުހިއްމު ކަމެކެވެ. އުމުރުން ދުވަސްވީ މީހުން ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި، ޑޮކްޓަރުން ލިޔެދެއްވާ ބޭސްތައް ގަވާއިދުން ކާންދިނުން ފަދަ ކަންކަމަށް ފަރުވާތެރިވުމަކީ އެފަދަ ބަލިމީހުން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާ އެކެވެ. މިފަދަ ބަލިމީހުންގެ އަނގައިގެ ދުޅަހެޔޮކަމަށް ރައްކާތެރިވުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އަނގައިގެ ތެރޭގައި އުފެދޭ ކުޅާއި، ދަވަ ބައެއް ފަހަރު ބޭރުކުރަން އުނދަގޫވެ، އަނގައިގެ ތެރޭގައި ހަރުލާފައި ހުންނަގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ އަނގައިގެ ތެރޭގައި މާގިނައިން ދަވަހެދުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި އަނގައިގެ ތެރޭގައި އުފެދޭ ދަވަތައް ބޭރުކޮށް ސާފުކުރުމަށް ސަމާލުވާންޖެހޭނެ އެވެ. މިގޮތަށް ސާފުކުރާއިރު، އަނގައިގެ އެއްވެސް ހިސާބެއްގައި ރަތްކަމެއް ނޫނީ ފާރުކޮޅެއް ފަދަ ތަނެއް ފެންނަން ހުރިނަމަ، ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ނޭވާލާން އުނދަގޫވުން، ނޭވާހާސްވުން، ފިޓުޖެހުން، އަނބުރައިގަތުން ފަދަ ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ސަމާލުވާންޖެހޭނެ ކަމެކެވެ.