11 May 2011, 19:49
ޒެޑް-ޑީއާރުޕީގެ ލީޑަރެއް އިންތިހާބުކޮށް، 2013 ގެ ރިޔާސީ އިންތިހާބުގައި، ރިޔާސީ ކެނޑިޑޭޓެއް ނެރޭ ނެ ކަމަށް ޑީއާރްޕީގެ ވަކިކޮށްފައިވާ، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒެޑް-ޑީއާރްޕީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅޭ ގޮތުން އުމަރުގެ ވޭލް ސަބްމެރިން އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ތަސްމީން ފެކްޝަންގެ މައްޗަށް ކުރިހޯދުމަށްޓަކާ ޒެޑް-ޑީއާރްޕީގެ ފަރާތުން 2013ގެ ރިޔާސީ އިންތިހާބަށް ކެންޑެޑީޓެޓް ނެރޭނެ ކަމަށެވެ. އަދި ޒެޑް-ޑީއާރްޕީއަށް ކާމިޔާބު ލިބުމުން ހަގީގީ ޑީއާރްޕީ އަކީ ކޮބައިކަން އެގޭނެ ކަމަށާއި އޭރުން ޒެޑް-ޑީއާރްޕީއަށް ގާނޫނީ ހައިސިއްޔަތެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އެއީ އިންތިހާބެއް ކަމަށް ވިޔަސް، ކޯޅުމެއް ކަމަށް ވިޔަސް ޒެޑް-ޑީއާރްޕީން ކާމިޔާބު ހޯދާނެ. ސަބަބަކީ ރައްޔިތުން ތިބޭ ތަނެއްގައި އަބަދުވެސް ކާމިޔާބު ލިބޭނީ ސިޔާސީ މައިދާނުގައި... 2013 ރިޔާސީ އިންތިހާބުގައި ޒެޑްޑީއާރްޕީގެ ކެނޑިޑޭޓަކު ވާދަކުރައްވާނެ. އަދި އެ ކެނޑިޑޭޓަކު ވާނީ ޒެޑް-ޑީއާރްޕީގެ ހުރިހާ އާންމު މެންބަރުން އިންތިހާބު ކުރެވިގެން ވޯޓަކުން ޕްރައިމަރީއަކުން. އެ ބޭފުޅެއްގެ ގާނޫނީ ހައިސިއްޔަތާ އެއްޗެހި 2013 ރިޔާސީ އިންތިހާބާ ކައިރިވުމުން އިނގޭނީ،" އުމަރު ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުރްޕީގެ އާންމު މެންބަރުންނަކީ ޒެޑް-ޑީއާރްޕީގެ މެންބަރުން ކަމަށާއި 2013 ރިޔާސީ އިންތިހާބުގައި ޒެޑް-ޑީއާރްޕީގެ ފަރާތުން ކެންޑިޑޭޓަކު ކަނޑައަޅާނީ ވެސް އެ މެންބަރުން ކަމަށެވެ. ނަމަވެސް ތަސްމީން ފެކްޝަނުން 2012 ގައި ޑީއާރްޕީގެ ކޮންގްރެސްއެއް ބާއްވާނަމަ އެ ކޮންގްރެސްގައި ޒެޑް-ޑީއާރްޕީން ބައިވުމާމެދު ވިސްނާނެ ކަމަށާއި އެ ކޮންގްރެސްގައި ޒެޑް-ޑީއާރްޕީން ބައިވެރިވާނީ އެ ކޮންގްރެސްގައި ބައިވެރިވާ މެންބަރުން ހޮވާފައި ވަނީ އިންސާފުން ކަމުގައިވާނަމަ ކަމަށް އުމަރު ވިދާޅުވި އެވެ.
ނަސަންދުރާގައި ރޭ ބޭއްވި ޒެޑް ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ޑީއާރްޕީގެ ކައުންސިލް މެންބަރުންގެ ތެރޭގައި ހިމެނޭ ކުރީގެ ރައީސް އަދި އެ ޕާޓީގެ ޒާއީމްގެ ފިކުރަށް ތާއިދު ކުރާ 12 ކައުންސިލް މެންބަރުނެވެ. ޒެޑް-ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުތަކާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ ޒެޑް-ޑީއާރްޕީގެ ލީޑަރަކު ކަނޑައެޅުމަށްޓަކާ އުސޫލްތަކެއް ފާސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މަގާމަށް ރައީސް މައުމޫން ކުރިމަތިލައްވާފާނެތޯ ސުވާލު ދެއްނެވުމުން އުމަރު ވިދާޅުވީ މައުމޫން އެ މަގާމަށް ކުރިމަތިލައްވާފާނެ ކަމަކަށް އެއްވެސް ގޮތަކަށް ނުފެންނަ ކަމަށެވެ.
އުމަރު އެ މަގާމަށް ވާދަ ކުރައްވާނެތޯ ސަން އިން ސުވާލު ދެންނެވުމުން ވިދާޅުވި އަދި އެކަމާ ވިސްނާފައި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޑީއާރްޕީގެ ބައެއް މެންބަރުންގެ މައްޗަށް އެކުލެވޭ ޕާލަމެންޓްރީ ގްރޫޕެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވި ޒެޑް ޕާލަމެންޓްރީ ގްރޫޕްގައި ބައިވެރިވުމަށް ޑީއާރްޕީގެ ހުރިހައި މެންބަރުނަށް ދައުވަތުދޭނެ ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ހިމެނޭ އެހެނިހެން ޕާޓީތަކަށް ދައުވަތު ދީގެން ކޯލިޝަނެއް އުފެއްދުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށް އުމަރު ވިދާޅުވި އެވެ.
ރޭ އޮތް ކައުންސިލް ބައްދަލުވުމުގައި ޒެޑް-ޑީއާރްޕީ ހިންގާނެ ސްޓްރަކްޗާއެއް ކަނޑައެޅުމަށްޓަކާ އެކުލަވައިލި ކޮމެޓީން ރިޕޯޓެއް އިންވާފައިވާ ކަމަށާއި އެ އެ ރިޕޯޓްގައިވާ ބައެއް ކަންތައް ރޭ ތަންފީޒުކޮށްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެ ގޮތުން މަގާމުތަކެއް ކަނޑައަޅައި އެ މަގާމުތަކަށް ބޭފުޅުން އައްޔަންކޮފައިވާ ކަމަށާއި ސެކަޓަރީ ޖެނަރަލްގެ މަގާމަށް ޔުމްނާ މައުމޫނާއި ރަޖިސްޓްރާގެ މަގާމަށް މުހައްމަދު ޝަރީފު ]މުންދު[ އިންތިހާބުކޮށްފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ސްޕޯކް ޕާސަންގެ މަގާމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އައްޔަންކޮށްފައިވާއިރު، ޑައިރެކްޓާ އޮފް އިންޓަނެޝަނަލް މީޑިއާގެ މަގާމަށް ވެސް އައްޔަންކޮށްފައިވަނީ މުހައްމަދު ޝަރީފު ]މުންދު[ އެވެ. އަދި ޑައިރެކްޓާ އޮފް ޑިޕްލޮމެޓިކް ރިލޭޝަންގެ މަގާމަށް ދުންޏާ މައުމޫނާއި ޑައިރެކްޓާ އޮފް ގަވަމަންޓް އެންޑް އިންސްޓިޓިއުޓް ވޮޗް ހަމްދޫން ހަމީދު އިންތިހާބުކޮށްފައިވެ އެވެ.
ޑައިރެކްޓާ އޮފް ފީލްޑްގެ މަގާމަށް އަހުމަދު ސަލީމް ]މާސް ސަލީމް[ އައްޔަންކޮށްފައިވާއިރު، ޑައިރެކްޓާ އޮފް ޓްރެއިނިންގެ މަގާމަށް ޑރ. ސައުދު ހަމަޖައްސަވައި ޑިރެކްޓާ އޮފް މީޑީއާގެ މަގާމަށް އަހުމަދު ނިހާން ހުސައިން މަނިކާއި ޑިރެކްޓާ އޮފް ލީގަލްގެ އެފްއާޒްގެ މަގާމަށް މުހައްމަދު ވަހީދު އިބްރާހިމް ]ވައްޑޭ[ ހޮއްވަވާފައިވެ އެވެ. އަދި ޑައިރެކްޓާ އޮފް ޕަބްލިކް ރިލޭޝަންގެ މަގާމަށް އަހުމަދު ނަދީމާއި ޑައިރެކްޓާ އޮފް ރިސާޗް ފާރިޝް މައުމޫން އިތުރުން ޑައިރެކްޓާ އޮފް ފައިނޭސްގެ މަގާމަށް އަލީ އާރިފު އިންތިހާބުކޮށްފައިވެ އެވެ. އަދި ކައުންސިލުން އެކުލަވައިލި މަގާމްތަކާއި ނިންމި ނިންމުންތަކާ ގުޅޭ ގޮތުން މާދަމާ ރޭ އާޓްފިޝަލް ބީޗުގައި ޒެޑް-ޑީއާރްޕީން އެއްވުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޑީއާރްޕީގެ ޒައީމް މައުމޫން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:15 ގައި މާލެ ވަޑައިގަންނާވެނެ ކަމަށެވެ. އަދި ސަރުކާރު ހިންގާ ރައީސް މައުމޫނަށް ކިތަންމެ ބިރުދެއްކުމެއް ދެއްކި ނަމަވެސް އެމަނިކުފާނު ޖެހިލުންވެ ވަޑައިނުގަންނަވޭނެ ކަމަށް ވިދާޅުވި އެވެ.