ވިޔަފާރިއާ އިގްތިސާދުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި، ކުވައިތު ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މި އެގްރިމެންޓުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ކުވައިތުގެ މިނިސްޓަރ ފޯ ކޮމާސް އެންޑް އިންޑަސްޓްރީ ޑރ ޔޫސުފް މުހައްމަދު އަލީ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓު ދާއިރާއިން އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ.

ކުވައިތާ ރާއްޖެއާ ދެމެދު ވިޔަފާރިއާ އިގްތިސާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ/ފަޔާޒް މޫސާ

އެކި ގައުމުތަކާ އެކު ވިޔަފާރި އާއި އިގްތިޞާދީ ދާއިރާއިން ގުޅުންތައް ބަދަހި ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުވައިތު ސަރުކާރާ އެކު ވިޔަފާރިއާ އިގްތިސާދުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެން ދިއުމުން، ކުރެވޭ މަސައްކަތް ކާމިޔާބުވަމުން އަންނަކަން އެނގިގެންދާ ކަމަށެވެ.

"ރާއްޖޭގައި ކުވައިތުގެ ވިޔަފާރިތައް އިތުރުވެގެން ދާނެ. ހާއްސަކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ކުވައިތު ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް ވެސް ބޮޑެތި އެހީތަކެއް ކުރިން ވެދީފައިވާ ކަމަށާއި، މިހާރު އަޅަން ނިންމާފައިވާ އާ ޓާމިނަލްގެ ޕްރޮޖެކްޓަށްވެސް ފަންޑު ކުރުމުގެ އެއް ބައިގެ ގޮތުގައި ކުވައިތު ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުވައިތުގެކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރ ޑރ ޔޫސުފް މުހައްމަދު އަލީއާ ބައްދަލުވުކުރެއްވުން -- ސަން ފޮޓޯ/ފަޔާޒް މޫސާ

"ޓާމިނަލް އަށް ފަންޑު ހޯދަނީ ސިންޑިކޭޓް ލޯނެއްގެ ދަށުން އެކިއެކި ގައުމުތަކުން. ގަލްފް ސަރަހައްދުގެ އެކުވެރި ގައުމުތަކުން ވަރަށް އަގު ހެޔޮކޮށް. އޭގެ ތެރެއިން އެއް ޕާޓްނަރު ކުވައިތަކީ،" މިނިސްޓަރު ވިދާޅުވި އެވެ.