18 May 2016, 16:49
ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ޚިޔާނަތްތެރިވުމުގައި ބައިވެރިވި ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައަކަށް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހާމިދުގެ ގާނޫނީ ވަކީލު ހަނީފާ ޚާލިދު ވިދާޅުވީ، ހާމިދުގެ ސިއްހީ ހާލަތު ގޯސްކަމުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައަކަށް އެދި ހާމިދުގެ ފަރާތުން ކޯޓަށް ވާނީ ސިޓީއެއް ފޮނުވާފައި ކަމަށެވެ.
ހަނީފާ ވިދާޅުވީ އެ ސިޓީއަށް އަދި ޖަވާބެއް ނުލިބޭ ކަމަށާއި އެކަން ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ހާމިދު ގޮޅިން ބޭރަށް ނެރެގެން ކަސްރަތުކުރަން ފުރުސަތު ދިނުމަށް މިދިޔަ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ޑޮކްޓަރު ލިޔުމެއް ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރު އެންގި ގޮތަށް ކަރެކްޝަނަލް ސާވިސް އިން އަމަލު ނުކުރާ ކަމަށް ހަނީފާ ވިދާޅުވި އެވެ.
ހާމިދުގެ ގާނޫނީ ވަކީލުން މިއަދު ވަނީ ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ޝަރީއަތަށް ހާޒިރުކޮށް އެކަމާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.
ގާޒީ އިބްރާހީމް އަލީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމަކަށް ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ހާޒިރުކުރާނެ ކަމަށެވެ.
ހާމިދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ޅ. މާބިންހުރާ ކުއްޔަށްދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.