ހިޔާނާތެރިވި ކަމުގެ ކުށުގައި ހައްޔަރުކޮށްފައިވާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ގާނޫނީ ވަކީލު ހާޒިރުނުވެއްޖެނަމަ އެ މައްސަލައިން އޭނާ ސަސްޕެންޑު ކުރާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށްފަހު އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި ޒިޔަތުގެ މައްޗަށް އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށް އުފުލާފައި ވަނީ އެ ޚިޔާނާތުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ގާޒީ އިބްރާހީމް އަލީ މިއަދު ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވެވެން ނެތް ކަމަށް ބަޔާންކޮށް ޒިޔަތުގެ ގާނޫނީ ވަކީލު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާނަމަ ޝަރީއަތަށް ހާޒިރުނުވެވޭ އުޒުރަކީ ކޯޓުން ބަލައިގަންނާނެ އުޒުރެއް ކަމަށެވެ. ނަމަވެސް ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމަށް ޒިޔަތުގެ ގާނޫނީ ވަކީލު ހާޒިރުނުވެއްޖެނަމަ އޭނާ އެ މައްސަލައިން ސަސްޕެންޑު ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް އަދީބާއި ހާމިދުގެ ވަކީލުން ވަނީ ހާޒިރުވެވަޑައިގެންފަ އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ސާބިތުކުރަން ސިއްރު ހެކީގެ ގޮތުގައި ނުވަ މީހަކު ހުށަހަޅާފަ އެވެ.

ނަމަވެސް ހެކި ހުށަހަޅާ ސަބަބު ދައުލަތުން އެ ދުވަހު ބުނެދީފައި ނުވާތީ، ސަބަބު ބަޔާންކޮށް އަލުން ހެކި ހުށަހެޅުމަށް ގާޒީ ވަނީ ދައުލަތަށް އިތުރު ފުރުސަތެއް ދެއްވާފަ އެވެ.

އެ މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ މީހުންގެ ފަރާތުން ހެކި ހުށަހެޅުމެވެ.