ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވުމުގެ ސަބަބުން، ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، ސްރީލަންކާގެ އެތައް ހާސް ބައެއްގެ މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާގައި، ބޯކޮށް ވާރޭވެހި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 19 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ހިތާމައިގެ ވަގުތުގައި، ރައީސް ޔާމީން ފޮނުއްވެވި މެސެޖުގައި، ގައުމީ ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސްގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ރައީސަށާއި، ސަރުކާރަށާއި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.

އަދި، އެ ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވާނެކަމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ ދެ ސަރަހައްދަކުން އިއްޔެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ފަސްގަނޑުގެ ދަށުވެ، 150 މީހަކު މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ރެޑް ކްރޮސް އިން މިއަދު ވަނީ ބުނެފަ އެވެ.

އަދި ހާލުގައި ޖެހިފައިވާ 350 މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 350،000 ވަރަކަށް މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް އަރަނާޔަކާގައި 300 ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ލަންކާގެ އޮފިޝަލުން ވިދާޅުވި އެވެ.