18 May 2016, 15:34
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެވަނަ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިންގެ ތެރެއިން ދެ ހެކިންނަށް މަހްލޫފު ފުލުހުންގެ ބެރިކޭޑް ފަޅާލައި އެތެރެއަށް ވަންކަން ނޭނގޭ ކަމަށް ބުނެފި އެވެ.
މަހުލޫފު މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮއްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ އެވެ.
މިއަދު އެކެއްޖެހި އިރު އޮތް އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ދައުލަތުން ހެކިންގެ ގޮތުގައ ހުށަލަޅާފައިވާ ތިން ހެކިންގެ ހެކިބަސް ވެސް ނަގާފައިފަ އެވެ.
އޭގެ ތެރެއިން މަހުލޫފު ހައްޔަރު ކުރުމުގައި އެސްއޯ ފުލުހެއްގެ ގޮތުން އެހީތެރިވި އަލީ އަހުމަދު ހެކިބަސް ދެމުން ބުނީ ފުލުހުން މަހުލޫފު ހައްޔަރުކޮށްފައި ވަނީ ބޮޑުތަކުރުފާނުގައި ހުންނަ ވަޅޯމަސް މާރުކޭޓާއި އެމްޓީސީސީ އިމާރާތާ ހިސާބުން ކަމަށެވެ. ނަމަވެސް މަހުލޫފު ހައްޔަރުކޮށްފައި ވަނީ ފުލުހުން ސަރަހައްދު ބަންދުކުރަން ޖަހާފައި ހުރި ބެރިކޭޑްގެ އެތެރޭން ކަމެއް ނުވަތަ ބޭރުންކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އަދި ފުލުހުން ބަންދުކޮށްފައި އިނީ ކިހާ ހިސާބެއްކަމެއް ވެސް ނޭނގޭ ކަމަށް އަލީ އަހުމަދު ބުންޏެވެ.
ދެވަނަ ހެއްކެއްގެ ގޮތުގައި ހާޒިރުވި ފުލުހެއް ކަމަށްވާ މުހައްމަދު ފާރިޝް ބުނީ މަހުލޫފު ހައްޔަރު ކުރި އިރު ހުރީ ބެރިކޭޑްގެ އެތެރޭގައި ކަމެއް ވެސް ބޭރުުގައި ކަމެއް ވެސް ނޭނގޭ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވަނީ -- ސަންފޮޓޯ -- ޔޫސުފް ސޮފްއާން
ތިންވަނަ ހެއްކެއްގެ ގޮތުގައި ހެކިބަސް ނަގާފައި ވަނީ އެސަރަހައްދުގައި ސެކިއުރިޓީ ބެލެހެއްޓި ފުލުހެއް ކަމަށްވާ މުހައްމަދު ޝުއާޒުގެ އެވެ. އޭނާ ބުނީ މަހުލޫފު ބެރިކޭޑްތައް ފަޅާލާފައި އެތެރެއަށް ވަތް ކަމަށެެވެ. އަދި ވަންނަން އުޅުމުން ތިން ފަހަރަށް " އެހެން ނުހަދާށޭ" ބުނެ ނަސޭހަތްދިން ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް މަހުލޫފު ހައްޔަރު ކުރީ ބެރިކޭޑްގެ ބޭރުން ކަމަށް އޭނާ ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމުމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ މަހުލޫފުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ. އެމައްސަލާގައި މަހުލޫފުގެ ފަރާތުން ވަނީ ފަސް މީހެއް ހެކިންގެ ގޮތުގައި ހުށަހަޅާފަ އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ މަހުލޫގުގެ މައްޗަށް ސާބިތުވެއްޖެ ނަމަ 12000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށްލާނެ އެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން އެއަދަބު ލުއިވެގެންދާނެ އެވެ. ނަމަވެސް މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުވިޔަސް މެންބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.