18 May 2016, 15:24
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި ހެލްތު މިނިސްޓްރީ އިން ބައިވެރިވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަނާއި ހެލްތު މިނިސްޓްރީގެ ފަޜާތުން އެއްބަސްވުމުގައި ސޮއިކުރައްވަނީ ----- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ދިވެހިންގެ ތެރެއިން އެންމެންނަކީ ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ބޭނުންވެފައިވާ ބައެއް ކަމަށެވެ. އެހެންކަމުން އެ ފުރުސަތު އެކި އިދާރާތަކަށާއި ކުންފުނިތަކަށް ފަހިކޮށްދެއްވާ ކަމަށް ޓަކައި މިނިސްޓަރު ޝުކުރުއަދާކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ފަރާތުން އެ ސުކީމްގައި ބައިވެރިވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ ފަދަ އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ސުކީމުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ މުވައްޒަފުންނަށް ވެސް ސުކީމްގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ސުކީމްގައި ބައިވެރިވުމުން ޒުވާން އުމުރުގައި ހައްޖު ނުވަތަ އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ބޭނުންވާ ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް ލުއި ފަސޭހަކަން ލިބިގެންދާނެ،" މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން ވިދާޅުވީ މިފަދަ ސުކީމެއްގެ އެންމެ މުހިއްމު ބޭނުމަކީ ދިވެހި ރައްޔިތުންގެ ތެރެއިން ހައްޖާއި އުމުރާގެ އަޅުކަން އަދާކުރައްވަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޔާމީން ވިދާޅުވީ އެއްފަހަރު ހައްޖަށް ގޮސްފައި ތިބި ބައެއް ފަރާތްތަކުން މި ސުކީމުގެ ދަށުން އާއިލާ ބޭފުޅަކު ހައްޖަށް ގެންދަން ބޭނުންވެދާނެ ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ވެސް މި ސުކީމުގެ ދަށުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސުކީމްގެ ދަށުން މުވައްޒަފުންގެ މުސާރައިން މުވައްޒަފުން ކަނޑައަޅާ އަދަދެއް ކޮންމެ މަހަކު ވެސް މުސާރައިން ކަނޑާނެ އެވެ. އަދި ދައްކަންޖެހޭ ފައިސާގެ 75 ޕަސެންޓް ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނީ ކޮން އަހަރަކުކަން އަންގައި ހައްޖު ކޯޕަރޭޝަނުން އެކަން ހަމަޖައްސައިދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ޔާމީން ވިދާޅުވީ ހެލްތު މިނިސްޓްރީ އަކީ އެ ސްކީމްގައި ބައިވެރިވި ތިންވަނަ މިނިސްޓްރީ ކަމަށެވެ. އަދި ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޖުމްލަ 12 ވަނަ އިދާރާ ކަމަށެވެ.