އެކި ރަށްތަކުގައި، ސިޔާސީ ހަރަކާތް ހިންގުމަށް ރައްޔިތުންގެ ފައިސާ އިން ހަދާފައިވާ ސިޔާސީ ޕާޓީ ތަކުގެ ޖަގަހަތައް ރޫޅާލުމަށް ހޯމް މިނިސްޓަރު ފުލުހުންނަށް އަންގަވާފައި ވަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ނެތިކޮށްލައި މިނިވަން ހިޔާލުތަކަށް ޖާގަ ނުދިނުމުގެ މަގުސަދުގައި ކަމަށް، ސަރުކާރާ އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

ދައުލަތުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ހުރި ޖަގަހަ ފަދަ ތަންތަން ނަގައި ބިންތައް ސާފު ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ޖަގަހަ ތަކަކީ އެރަށްރަށުގެ ރައްޔިތުންގެ އިތުރުން، ރަށަށް އަންނަ އެހެން ރަށްރަށުގެ މީހުން ވެސް ވާރެއިން ހިޔާވުމަށާއި، ފިނިކޮށްލުމަށް ބޭނުންކުރާ ތަންތަން ކަމަށެވެ.

"ރާއްޖޭގެ އެކިއެކި ރަށްރަށުގައި ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ރައްޔިތުން ހަދާފައިވާ ޖަގަހަތައް ރޫޅާލަމުން އަންނަނީ ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމު ނެތިކޮށްލައި މިނިވަން ހިޔާލުތަކަށް ޖާގަ ނުދީ ހުދުމުހުތާރު ވެރިކަމެއް ބިނާ ކުރުމަށެވެ." އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ބައެއް ރަށްރަށުގައި ދައުލަތުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ހުރި ޖަގަހަ ފަދަ ތަންތަން ނަގައި ބިންތައް ސާފު ކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށާއި އެއީ ދައުލަތުގެ ބިންތަކުގައި ކައުންސިލްތަކުން ހުއްދަ ހޯދުމަކާ ނުލައި ސިޔާސީ ޕާޓީތަކުން ޖަގަހަ ހަދައި އެފަދަ ބިންތަކުގެ ބޭނުން ކުރަމުން ގެންދާތީ ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ކިބައިން އެކަމަށް އެދިފައި ވާތީ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މިހާތަނަށް ފުލުހުން ވަނީ ދ. ކުޑަހުވަދޫގައި ހުރި ބައެއް ޖަގަހަ އާއި ހއ. ދިއްދޫ އަދި ބ. އޭދަފުށީގައި ހުރި ބައެއް ޖަގަހަ ނަގައި އެތަންތަން ސާފުކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ އަދި ޕީޕީއެމްގެ ޖަގަހަ ވެސް ހިމެނެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ފުލުހުން ރޫޅާލި ޖަގަހަ ތަކަކީ އެ ދާއިރާތަކުގެ ރައްޔިތުން ބޮޑު ހަރަދެއް ކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަނުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުހިންގާ ކަމަށެވެ.

"މިފަދަ ޖަގަހަތަކަކީ ސިޔާސީ ސައްލާކުރުމަށް ބޭނުން ކުރުމުގެ އިތުރުން ބޭނުންތެރި އިޖުތިމާއީ އެތައް ހިދުމަތްތަކެއް ފޯރުކޮށްދޭ ތަންނެވެ. އެގޮތުން ރައްޔިތުން ހިތްހަމަޖައްސާލުމަށާއި ދޮށީ އުމުރުގެ މީހުންނާއި ބީރައްޓެހިން ވެސް ގިނަ އަދަދަކަށް ބޭނުންކުރާ ތަންތަން ކަމުގައިވާތީ މި ތަންތަން ތަޅާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެެވެ." އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ކުޑަހުވަދޫ އާއި ދިއްދޫގަައި އެ ރަށްރަށުގެ ރައްޔިތުން ހަދާފައިވާ ޖަގަހަތައް ރޫޅާލާފައި ވަނީ އެ ތަނުގައި ހުރި މުދަލާއި ތަކެތި ގެންދިޔުމަށް އެއްވެސް ނޯޓިސް އެއް ދިނުމެއް ނެތި، ތަންތަން ލޫޓުވާލާ އުސޫލުން ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޖަގަހަތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަނީ ކަމާ ބެހޭ ފަރާތްތަކުން ޖަގަހަތައް ނަގަން އަންގައި، މުއްދަތެއް ދިނުމަށް ފަހު ވެސް އެ ޖަގަހަތައް ނުނަގައި ހުންނާތީ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ޖަގަހަތައް ހުސްކުރަން ނޯޓިސް ދީފައި ނުވާކަމަށް ބުނެފައި ވީނަމަވެސް، ކުޑަހުވަދޫ އިން ރޫޅާލި އެމްޑީޕީ އަދި ޕީޕީއެމްގެ ޖަގަހަ ހުރި ދެ ބިމަކީ ކައުންސިލުގެ ދެ ބިމެކެވެ. ކައުންސިލުން އެ ދެ ބިން ބޭނުންވެގެން އެ ދެ ޕާޓީގެ ޖަގަހަ އެތަން ތަނުން ނެގުމަށް ނޯޓިސް ފޮނުވާފައިވާ ކަން "ސަން" އަށް ވަނީ އެނގިފަ އެވެ.

އަދި މިއަދު ރޫޅާލި ބ. އޭދަފުށީ "ފިނިއަށި" ޖަގަހަ ވެސް ރޫޅާލީ އެތަން ހުސްކޮށް ތަކެތި ގެންދިއުމަށް ނޯޓިސް ދިނުމަށް ފަހު އެވެ.

އޭގެ އިތުރުން، ސަރުކާރުގެ ބިންތަކުގައި ހުރި ޕާޓީތަކުގެ ޖަގަހަތައް ނަގައި ބިންތައް ހުސްކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ ބޯޑު (އެލްޖީއޭ)އިން ވަނީ މިދިޔަ ޑިސެމްބަރު މަހު މަސް ދުވަހުގެ މުހުލަތެއް ދީފަ އެވެ.