ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން، ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ އެ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

އެ ސަރަހައްދަށް މެޓް އޮފީހުން ޔެލޯ އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 11:45 އިން ފެށިގެން މިއަދު މެންދުރު 3:30 އަށެވެ. މެޓު އޮފީހުން ބުނީ އެ ގަޑިތަކުގައި ގަދަ ވަޔާއެކު އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ

މެޓު އޮފީހުން ޔެލޯ އެލާޓު ނެރުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން ބުނީބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށްރަށުގައި ފެން ބޮޑުވެ، ވައިގަދަވުމުގެ ސަބަބުންނާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އަރާނެކަމަށް ލަފާކުރެވޭތީީ ރަށުފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައް ފާހަގަކޮށްއެކަމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން ބުނީޔެލޯ އެލާޓް ނެރެފައިވާ ވަގުތުގެ ތެރޭގައި ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ކޮޅިގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން އަދި ހާއްސަގޮތެއްގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.