ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަޑިސެބިލިޓީއެވޯޑް މިއަހަރު ދޭނެ ނުވަ ދާއިރާ އިއުލާންކޮށް، އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިސެބިލިޓީ އެވޯޑަކީ ޖެންޑާ މިނިސްޓްރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުގެ ފަރާތުން ކޮންމެ ދެ އަހަރުން އެއް އަހަރު ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.

މި އަހަރު އެ އެވޯޑު ދޭން ނިންމާފައިވާ ނުވަ ދާއިރާ އަކީ:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް (ފަސް ފަރާތެއް)
  • ރާއްޖެއަށް އެކިގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމު ފޯރުކޮށްދޭ ފަރާތްތައް (ދެ ފަރާތެއް)
  • ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (ދެ ފަރާތެއް)
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތައް (އެއް ފަރާތް)
  • ފަންނީ ގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތައް (ދެ ފަރާތެއް)
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އެއް ފަރާތް)
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭ ފަރާތްތައް (އެއް ފަރާތް)
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތް ދޭ ފަރާތްތައް (އެއް ފަރާތް)

ނުވަ ދާއިރާ އިންވެސް އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ 30 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރު އެވޯޑު ލިބުނު ފަރާތްތަކަށް މި އަހަރު އެވޯޑަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.

އަދި އެވޯޑަށް ހުށަހަޅާ ފަރާތްތައް ހޮވާނީ އެ މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން އެވޯޑަށް ހާއްސަކޮށް، މާކްސް ދިނުމަށް އެކުލަވާލާފައިވާ އުސޫލާ އެއްގޮތްވާ ގޮތަށް ކަމަށާއި، އެވޯޑު ދޭނެ ފަރާތެއް ހޮވާނީ އެކަމަށް އެކުލަވައިލާ ހާއްސަ ކޮމެޓީ އަކުން އެ ފަރާތްތަކާއި އިންޓަވިއުކޮށްގެން ކަމަށް ޖެންޑާ އިން ބުނެ އެވެ.

އެންމެ ފަހުން ޑިސްއެބިލިޓީ އެވޯޑު ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު 15 ފަރާތަކަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.