މި މަހުގެ ނިޔަލަށް ބާއްވަން ޖެހޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި އެވެ.

އެސްޓީއޯ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޖަލްސާ ފަސް ކުރަން ޖެހުނީ ދިމާވި ސަބަބަކާ ގުޅިގެން އެ ކުންފުނީގެ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރު ނުކުރެވި، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އަދި ހިސާބުތައް ޝާއިއުކުރުން ލަސްވުމާއި ގުޅިގެން ކަމަށެވެ.

" އަދި ހަމަމިކަމާ ގުޅިގެން 2016 ވަނަ އަހަރުގެ މޭމަސް ނިމުމުގެ ކުރިން މި ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވެން ނެތުމުން، ޖަލްސާ ފަސްކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ." އިއުލާނުގައިވެ އެވެ.

އެސްޓީއޯ އިން ބުނީ، ދިމާވި މައްސަލައަށް ހައްލެއް ލިބުނުހާ އަވަހަކަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއެކު އަހަރީ ރިޕޯޓު ޝާއިއުކުރެވޭނެ ކަމަށެވެ.

މި މަސް ނިމުމުގެ ކުރިން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ނުބޭއްވޭނެ ކަމަށް އެކުންފުނިން ބުނެފައި ވާއިރު، އަހަރު ނިމޭތާ، ހަތަރު މަސް ދުވަހުގެ ތެރޭގައި އެ އަހަރެއްގެ މާލީ ހިސާބު އާންމު ކުރަން ޖެހޭނެ ކަމަށް ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުގައިވެ އެވެ.